ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު ދިނުމާއި ޒުވާނުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާން ވިދާޅުވެއްޖެއެވެ.
ޝަމްއާން މިފަދައިން ވިދާޅުވީ މިއަދު ވާޗުއަލް ކޮށް ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓް (ވީއޯޖީއެސްއެސް) ގައި ވާހަކަ ދައްކަވަމުންނެވެ.
ޝަމްއާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އެއް ތަސައްވުރަކީ ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު ދީ، ޒުވާނުންގެ އަޑުއަހާ އަދި ޒުވާނުން ބާރުވެރި ކުރުވުން ކަމަށެވެ. އެގޮތުން ފުރަތަމަ ޑިގްރީ އާ ހަމައަށް ހިލޭ ތައުލީމު ހާސިލު ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ރާއްޖެއިން ބޭރުން ތައުލީމު ހާސިލު ކުރުމަށް ކުޑަ އިންޓަރެސްޓެއްގައި ތައުލީމީ ލޯނު ލިބޭނެ ގޮތް މި ސަރުކާރުން ފަހިކޮށްދީފައިވާ ކަން ޝައްމާން ފާހަގަ ކުރެއްވިއެވެ.
ސަރުކާރުގެ އެކިއެކި ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބަސް ހިމެނުން މުހިންމުކަން ދެކެވަޑައިގެން ދާދި ފަހުން ރައީސް އެކުލަވާލެއްވި "ޕްރެޒިޑެންޝަލް ޔޫތް އެޑްވައިޒަރީ ބޯޑް" އަކީ ވެސް ޒުވާނުން ބާރުވެރި ކުރުވުމުގައި މި ސަރުކާރުން އިސްކަން ދޭ ކަމުގެ ހެއްކެއް ކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.
އިންޑިއާގެ އިސްނެގުމާއެކު ކުރިއަށް ދާ ވީއޯޖީއެސްއެސް ގައި ޝަމްއާން ވަނީ، އިންޑިއާއިން ރިޔާސަތު ބެލެހެއްޓި ނިމިދިޔަ ޖީ20 ގެ ކާމިޔާބީ ފާހަގަ ކުރައްވާފައެވެ. ޖީ20 ގެެ ސަބަބުން މެމްބަރު ގައުމުތަކަށާއި ޖީ20ގައި ނުހިމެނޭ، ގްލޯބަލް ސައުތުއަށް ނިސްބަތްވާ ގައުމުތަކަށް ވެސް ކާމިޔާބީތަކެއް ލިބިގެން ދިޔަކަމަށް ޝައްމާން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ޝައްމާން ވަނީ ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ގުޅިގެން އެކުގައި ކުރެވިދާނެ ކަންކަމާ މެދުވެސް މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ގްލޯބަލް ސައުތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތް ކޮށް ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް ޝައްމާން ގޮވާލެއްވިއެވެ. ހާއްސަކޮށް ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކުގައި ގުޅިގެން ކުރިއަށް ދިޔުމާއެކު، ޒުވާނުންގެ މުސްތަގުބަލަށްޓަކައި އިންވެސްޓް ކުރުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން ދެމެހެއްޓެނިވި ތަރައްގީގައި ޒުވާނުންގެ ހިއްސާ ބޮޑުކޮށް އެފަރާތްތަކަކީ ވެސް މުޖުތަމައުގެ އެހެން ބައިވެރިންނެކޭ އެއްހަމައެއްގައި ކުރިއަށް ދެވޭނެ ބަޔަކަށް ހެދުމަށް ޝަމްއާން ވަނީ ބާރުއަޅުއްވާފައެވެ.