އިންގްލިޝް ޕްރިމިއާ ލީގުގެ 24/25 ސީޒަންގެ ފުރަތަމަ މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ފުލަމް ވާދަކުރި މެޗު 1-0 އިން ޔުނައިޑެޓް ކާމިޔާބުކޮށްފިއެވެ.

މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހާ ދިނީ މެޗުގެ 87 ވަނަ މިނެޓްގައި ޖޯޝުއާ ޒާކްކީއެވެ. ޒާކްޒީ އަކީ މި ސީޒަންގައި އަލަށް ޔުނައިޓެޑާ ގުޅުނު ފޯވަޑެކެވެ.

މިދިޔަ ސީޒަންގައި މާ މޮޅު ކުޅުމެއް ނުދެއްކުނު ޔުނައިޓެޑް ރޭގެ މެޗުގައި ރީތި ޕާސިންގް ކުޅުމެއް ދެއްކިއެވެ. އަދި މުޅި މެޗުގައި ވެސް ގިނަ ހަމަލާތައް އުފައްދާ ފުލަމްގެ ގޯލަށް ގިނަ ފުރުސަތުތައް އަމާޒުކުރީ ވެސް ޔުނައިޓެޑެވެ. މި ގޮތުން އެޓީމުން ޖުމްލަ 12 ޝޮޓް ފުލަމްގެ ގޯލަށް ފޮނުވާލި އިރު މީގެ ތެރެއިން 5 ޝޮޓަކީ ސީދާ ގޯލަށް އަމާޒުވި ޝޮޓްތަކެވެ.

ޑިފެންސިވް ކުޅުމެއް ދެއްކި ފުލަމްއަށް މުޅި މެޗުގައި ވެސް ޔުނައިޓެޑްގެ ގޯލަށް އަމާޒުކުރެވުނީ އެންމެ 2 ޝޮޓެވެ. 0-0 ގެ ނަތީޖާއަކުން މިމެޗު އެއްވަރުވާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި ކުޅެން ނިކުން ނެދަލޭންޑްސްގެ ފޯވަޑް ޒާކްޒީ ވަނީ 87 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސީޒަންގެ ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުކޮށް ދީފައެވެ.

ޒާކްޒީ ކުޅެން އެރީ މެޗު ނިމެން 30 މިނެޓަށް ވެފައި ވަނިކޮށް/ފޮޓޯ: އެކްސް

އިޓަލީގެ ބޮލޯނިއާއަށް މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ޒާކްޒީ ޔުނައިޓެޑުން މި ސަމާ ވިންޑޯގައި ގަތީ 35 މިލިއަން ޕައުންޑަށެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ ޕްރިމިއާ ލީގު ތާވާލުގެ އެއްވަނައިގައެވެ. މިއަދު ލީގުގައި 6 މެޗު ކުޅޭ އިރު ލިވަޕޫލް އަދި އާސަނަލް ފަދަ ޓީމުތަކުގެ ފުރަތަމަ މެޗުތައް މިއަދު ކުޅޭނެއެވެ.

  • ހަވީރު 4:30 ގައި: އިޕްސުވިޗް ޓައުން-ލިވަޕޫލް
  • ރޭގނޑު: 07:00 ގައި: އާސެނަލް-ވުލްވްޒް، އެވަޓަން-ބްރައިޓަން، ނިއުކާސަލް-ސައުތްއެމްޓަން، ނޮޓިންހަމް ފޯރަސްޓް-ބޯންމޮތް
  • ރޭގަނޑު 09:30 ގައި: ވެސްޓްހޭމް-އެސްޓަން ވިލާ

ލީގުގެ ފުރަތަމަ ބުރުގެ އެންމެ ވަރުގަދަ މެޗުގައި މާދަން ރޭ ޗެމްޕިއަން ސިޓީ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.