މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިއަދު 8:00 އިން 13:00 ގެ ނިޔަލަށް ރީނދޫ ސަމާލު ނެރެފައެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ޖެހެމުންދާ ގަދަ ވައި މަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ އަންގާރަދުވަހު ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދަތުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތައް ކަމަށާއި، މިއަހަރުގެ ހުޅަނގު މޫސުން ފެށުނީ ވެސް ވަރަށް ވިއްސާރަކޮށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މެޓް އޮފީހުން ވަނީ ގޮވާލާފައެވެ.