މީގެ ކުރިން ޖަލަށް ލި ލޯޔަރަކު ކެބިނެޓަށް އައްޔަން ކުރުމާއެކު, ތައިލޭންޑްގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް އާ ވެރިއަކަށް އުމުރުން 37 އަހަރުގެ ޕައެޓޮންޓާން ޝިނަވަޓްރާ ހަމަޖައްސައިފިއެވެ.
ތައިލޭންޑްގެ އެންމެ ހަގު އަދި ދެވަނަ އަންހެން ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާއެކު ޕައެޓޮންޓާން ވިދާޅުވީ, އޭނާ އަކީ އެކަމަށް އެންމެ ގާބިލު ބޭފުޅާ ކަމަށް ނުވެދާނެ ކަމަށާއި ނަމަވެސް މަސައްކަތް ކުރައްވާނީ ގައުމުގެ އިގުތުސޯދަށް މިހާރު ދިމާވެފައި ވާ ހީނަރުކަމުން އަރައިގަތުމަށާއި އެ މަގަށް ކުރައްވާ މަސައްކަތުގައި ތައިލޭންޑްގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ގަބޫލު ކުރައްވަނީ އޭނާގެ ދައުރުގައި ތައިލޭންޑްގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯއްދަވައިދެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕައެޓޮންޓާން އަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި މި ވަގުތަކީ ދާހިލީ މައްސަލަތަކާއި އެގައުމުގެ އަސްކަރިއްޔާގެ ނުފޫޒާއި ބާރު ސިޔާސީ ކަންކަމުގެ ތެރޭގައި އޮންނަ މިންވަރާއި ވެރިކަމުގެ ތެރެއަށް ކޯޓުތަކުން ނުފޫޒު ފޯރުވާ މިންވަރަށް ބަލާއިރު ދަތިއުނދަގޫވަގުތެއް ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.
ޕައެޓޮންޓާން އަކީ ފާއިތުވެ 20 އަކަށް އަހަރުގެ ތެރޭގައި ޝިނަވަޓްރާ ދަރިކޮޅުން ވެރިކަމަށް ވަޑައިގެންނެވި 4 ވަނަ ބޮޑުވަޒީރެވެ. އޭނާގެ ބައްޕާފުޅު ތަކްޝިން ޝިނަވަޓްރާ ހިމެނިވަޑައިގަންވާ ގޮތަށް މީގެ ކުރިން ވެރިކަން ކުރެއްވި 3 ބޮޑުވަޒީރުން ވެރިކަމުން ދުރުކުރީ ގެނައި އަސްކަރީ ބަޣާވާތާއި ކޯޓުގެ އަމުރުތަކުންނެވެ.
ތައިލޭންޑްގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބު ކާމިޔާކުރެއްވީ އިދިކޮޅު ޒުވާން ލީޑަރެއް ކަމަށް ވާ ޕިޓާ ލިމްޖަރޯންޓު ނަމަވެސް އަސްކަރިއްޔާގެ ބާރު އޮތް ގާނޫނު ހަދާ މަޖިލީހުން ނިންމީ އޭނާ އަށް ބޮޑުވަޒީރުކަން ނުދޭށެވެ. އެއާއެކު ބޮޑުވަޒީރުކަމަށް ގެނައީ ޕައެޓޮންޓާން ވެސް ތަމްސީލް ކުރައްވާ ޕާޓީގެ މެންބަރު ޝްރެތާ ތަވިޝިން އެވެ.