އާބަން ރީޖަންތައް ކަނޑައަޅައި، އެ ސަރަހައްދުތައް ތަރައްގީ ކުރުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޕީއެންސީގެ މެންބަރު އާޒިމް އަބްދުލް އަޒީޒު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ތިން ބަޔަކަށް ރާއްޖޭގެ ސަރަހައްދުތައް ބަހާލާނެ އެވެ. އެއީ މެޓްރޮޕޮލިޓަން ސަރަހައްދާ، އާބަން ރީޖަން އާއި އާބަން ސެންޓަރުތަކެވެ. އަދި އެ ސަރަހައްދުތައް ބައި ކުރަނީ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ.

މި ބިލުގައިވާ ގޮތުން، މެޓްރޮޕޮލިޓަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަނީ އެ ސަރަހައްދެއްގެ އާބާދީ 150،000 އަށް ވުރެ އިތުރުވުމުންނެވެ. އާބަން ރީޖަނެއް ކަމަށް ކަނޑައަޅާނީ 50،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދަށް ކަމަށް ބަޔާންކޮށްފައިވާއިރު އާބަން ސެންޓަރުތައް ކަމަށް ކަނޑައަޅާނީ އާބާދީ 10،000 މީހުންނަށް ވުރެ އިތުރު ސަރަހައްދުތަކެވެ.

މީގެ އިތުރުން އެ ބިލުގައިވަނީ އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާނީ ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް ވިޔަސް އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ހުރިހާ ކަމެއް ނިންމާނީ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ. އަދި ކައުންސިލްތަކުން ހަމައެކަނި ބަލަހައްޓާނީ އެ ސަރަހައްދެއްގެ މުނިސިޕަލް ހިދުމަތްތަކެވެ.

އިތުރަށް އެ ބިލުގައިވާ ގޮތުން އެފަދަ ސަރަހައްދުތައް ޕްލޭން ކުރުމާ، ތަރައްގީ ކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންނާނީ އެ ސަރަހައްދެއްގެ ކައުންސިލާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިހާރު މީހުން ދިރިނޫޅޭ ސަރަހައްދެއް ނަމަ އެ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީ ކުރުމުގެ ހުރިހާ ބާރެއް ލިބޭނީ އާބަން ޑިވަލޮޕްމެންޓް އޮތޯރިޓީއަށެވެ.

ބިލްގައި ބަޔާން ކޮށްފައިވާ ގޮތުން ސަރަަހައްދުތައް ޕްލޭން ކުރުމަށްޓަކައި އާބަން ޑިވެލޮޕްމަންޓް މާސްޓަ ޕްލޭން އެކުލަވައިލަން ޖެހެއެވެ.