ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު މެންދުރު 1:00 އާ ހަމައަށް ނެރުނު އެ އެލާޓުގައި އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގައި ނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އަންނަ ހަފުތާގެ ހޯމަ ދުވަހާ އާ ހަމައަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަނޑިއަކު 45 -50 މޭލަށް ވައިގަދަވާނެ އެވެ. މިއަދަކީ ވައިގަދަވާނެ އެއް ދުވަސް ކަމަށް މެޓު އޮފީހުން ބުނެއެވެ.
އިއްޔެ ވިލާގަނޑުގައި އެންމެ ގަދައަށް ވައި ޖެހުނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 49 މޭލަށް ވައިގަދަވިއިރު، ހުޅުލެ އާއި ހދ. ހަނިމާދޫއަށް 47 މޭލަށް ވައި ބާރުވި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިދިޔަ އަންގާރަ ދުވަހު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށްފައެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ މާލެއިން ފަސް އާއިލާއެއް ވަގުތީ ހިޔާއަށް ވެސް ބަދަލުކުރަން ޖެހުނެވެ.