ބޮޑެތި ޑެފިސިޓްތައް ފައިނޭންސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ލޯނުތައް ދެއްކުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އެގޮތުން ވޭތުވެދިޔަ ފަސް އަހަރަށް ވުރެ އިންޓްރެސްޓް ރޭޓް 13 ޕަސެންޓު އިތުރުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މެދުރާސްތާގެ ހަރަދާއި ދަރަނީގެ ސިޔާސަތާ ގުޅޭ މައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ދެއްވި ބަޔާނުގައި މިނިސްޓަރު މިއަދު ވިދާޅުވީ، މެދުރާސްތާގެ ފިސްކަލް ދަރަނީގެ ސްޓްރެޓަޖީ ތައްޔާރުކުރުމުގައި ސަރުކާރުން ބަލާފައި ވާނީ މެކްރޯ ފިސްކަލް ސްޓްރެޓަޖީ ގާއިމްކޮށް ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ކަމަށެވެ.

މީގެ އިތުރުން އިގްތިސޯދު ސިންދަފާތުކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އެހެން ސިނާއަތްތައް ތަރައްގީކޮށް އާ ސިނާއަތްތައް ތައާރަފްކުރަން މެދުރާސްތާގައި ހާސިލްކުރުމަށް މަސައްކަތްކޮށް ސްޓްރެޓަޖީގައި ހިމަނާފައިވާނެ ކަމަށާއި، ހާއްސަކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތް ވެސް މި ސިޔާސަތުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގެ ކެޕޭސިޓީ އާއި އާމްދަނީ އާ ނުބައްދަލު ވަރަކަށް ހަރަދުކުރަން ނިންމައި މޮނިޓައިޒްކުރުމާއި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރުމުގެ ސަބަބުން އެކަމުގެ އަގު ދައުލަތުން މިއަދު އަދާކުރަން ޖެހިފައިވާ ކަމަށާއި، އެގޮތުން އާމްދަނީ އާ ނުބައްދަލު ބޮޑެތި ޑެފިސިޓްތައް ފައިނޭންސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ދަރަނި ދެއްކުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

"މިގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، 2014 އިން 2018 އަށް އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދެއްކުމުގަ އިންޓްރެސްޓަށް ކުރާ ހޭދަ އުޅެނީ 15 ޕަސެންޓުގަ، އަދި 2019 އިން 2023 އަށް އެ އަދަދު ވަނީ 21 އަށް ބަދަލުވެފަ، އަދި މިހާރު ވަނީ އެ އަދަދު 28 ޕަސެންޓުގަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުން މިހާރަށް ވެސް ދައުލަތުގެ ދަރަނީގެ މައްސަލަ ހައްލުކުރަން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފާއިތުވި އަހަރުތަކުގެ ޕެންޑިން ބިލުތައް އަދާކުރުމަށް މި އަހަރުގެ ކޭޝްފްލޯ އަށް ބޮޑެތި އަދަދުތަކެއް ހޭދަކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖުލައި މަހުން ފެށިގެން ޕެންޑިން ބިލްތައް ދަނީ ޖަމާވަމުންނެވެ. އަދި އެވަރެޖްކޮށް މަހަކު 3 ބިލިޔަން ރުފިޔާގެ އާމްދަނީ ލިބޭއިރު 4 ބިލިއަން ރުފިޔާ ހަރަދުވާ ކަން ފާހަގަކުރެއްވިއެވެ.

"މިކަން ބަދަލުކުރެވެން އޮތީ އަޅުގަނޑުމެން މި ބޭނުންވާ ފިސްކަލް ރިފޯމްތައް ގެނެވިގެން،"

އެހެންކަމުން ކުރިއަށް އޮތް ދެ އަހަރަށް އެކުލަވާލާފައިވާ ސިޔާސަތުގެ އަމާޒަކީ ރާއްޖޭގެ މާލިއްޔަތާއި އިގްތިސޯދަށް ކުރިމަތިވެފައިވާ ހިރާސްތައް މެނޭޖުކޮށް މެދުރާސްތާގައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަގީންކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު ސަރުކާރުން ހާސިލްކުރަން ބޭނުންވާ ބައެއް ލަނޑުދަނޑިތައް ވެސް އޭނާ ހިއްސާކުރެއްވިއެވެ. އެއީ:

  • 2026 ނިމެންވާއިރަށް ޖީޑީޕީ ނިސްބަތުން ދަރަނި 95 އަކަށް ތިރިކުރުން
  • ބަޖެޓްގެ ޕްރައިމަރީ ޑެފިސިޓް ނިސްބަތް ފަސް ޕަސެންޓަށް އިތުރުވާނެ ހެން ހިފެހެއްޓުން
  • އަދި ދަށަށް ދާނެ ނިސްބަތެއްގައި ދައުލަތުގެ ޖުމްލަ ދަރަނި ހިފެހެއްޓުން
  • ދައުލަތުގެ ރިކަރަންޓް ހަރަދު އާމްދަނީ އަށް ވުރެ އިތުރުނުވާނެހެން ހިފެހެއްޓުން