ކުޑަކުއްޖަކާ ބެހުމުގެ ކުށުގެ ދައުވާ ލިބޭ މީހެއްގެ "އިސްކުރު މަދު" ކަމަށް ބުނެ، އޭނާ އަކީ އެ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ބާތިލުކޮށްފިއެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާކޮށްފައިވަނީ ގދ.ތިނަދޫ ނޫރަލިއާގެ ޝިފާއު މުހަައްމަދުގެ މައްޗަށެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ޖޫން 24، 2021ގައި ދައުލަތުން މި މައްސަލަ ހުށަހެޅުމާ އެކު ޝިފާއުގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި، ދައުވާ އަމިއްލައަށް ލިބިގަތުމަށް އޭނާ ނުކުޅަދޭ ކަމަށް ބުނެފައެވެ. ތިނަދޫ ކޯޓުގައި މި މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ނިހާމް ރަޝީދު ކްލިނިކަލް ފިސިއޯލޮޖިސްޓެއް ކަމަށްވާ ވިނޯދު ކުމާރު އަޒުހަގާރުގެ ހެކިބަހުންނާ، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން ޝިފާއު އަކީ މުޖުތަމައުގައި ބޭނުންކޮށް އުޅޭ 'އިސްކުރު މަދު' ކަމަށް ބުނެ އުޅޭ ހާލަތުގައި ހުރި މީހެއް ކަމަށް" ބުރަވެވޭ ކަމަށެވެ. އަދި މި މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން ފިސިއޯލޮޖިސްޓުގެ ހޯދުންތަކަށް ބާރު ލިބެން އޮންނާތީ ޝިފާއު އަކީ ވިސްނައިގަތުމަށާ، ދިފާއުގައި ވާހަކަދެއްކުމަށް ނުކުޅެދޭ މީހަކުކަން ސާބިތުވާ ކަމަށް ތިނަދޫ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައި ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ޝިފާއުގެ މެޑިކަލް އެގްޒެމިނޭޝަން ހެދި ހަބީރުގެ ހެކިބަހުން ވެސް އޭނާއަކީ ދިފާއެއް ބިނާކުރަން ނުކުޅަދޭ މީހެއް ކަމަށް ބުނެފައިނުވާ ކަމަށެވެ. ޝިފާއުއަކީ އާންމު ވިސްނުމާ އެކަށީގެންވާ މިންވަރަށް ކަންކަން ކުރުމުގެ ގާބިލު މީހެއް ކަމަށްވެސް ހައި ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް ބޮޑެތި ކަންކަން ރާވައި ކުރުމަށް ދަތިތަކެއް ހުންނާނެ ކަމަށް ހަބީރު ބުނެފައިވާ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.

ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ވަކީލަކާ ނުލައި ޝިފާއު ހާޒިރުވި ދުވަހު ޝަރީއަތުގައި ވަކީލެއް ބޭނުންވާ ކަމަށާއި މައްސަލައަކީ ކޮން ބާވަތެއްގެ މައްސަލައެއްތޯ، މިފަދަ ކަންކަން ފަހުމް ވާކަން އޭނާ ޝަރީއަތުގައި ދެއްކިވާހަކައިން އެނގޭ ކަމަށެވެ.

އެހެންކަމުން ހައި ކޯޓުން ވަނީ އަލުން ޝިފާއުގެ މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު އޭނާއަކީ އަމިއްލައަށް ދިފާއު ނުނެގޭނެ ހާލަތުގައި ހުރި މީހެއްކަން ކަށަވަރު ކުރުމަށްވަނީ އަންގާފައެވެ. އަދި ތިނަދޫ ކޯޓުން މި މައްސަލާގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައުލަތުން މި މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މައްސަލައިގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އަލުން މައްސަލަ ކުރިއަށް ގެންދިއުމަށް ތިނަދޫ ކޯޓަށް ވަނީ އަންގާފައެވެ.

ޝިފާއުއަކީ "އިސްކުރު މަދު" މީހެއް ކަމަށް މެޖިސްޓްރޭޓް ބުނާ ބުނުމަށް ގާނޫނީ ގޮތުން ދެވޭ މާނައެއް ބުރަދަނެއް ނުވަތަ ނަތީޖާއެއް ސާފު ނޫންކަމަށް ބުނެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިހުތިރާމް ކުރުމުގެ ބޭނުމުގައި ހާއްސަ ގާނޫނެއް އޮންނައިރު އެފަދަ ސުވާލު އުފެދޭ ބަސްތައް ބޭނުން ކުރުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށްވެސް ހައި ކޯޓުން ވަނީ ބުނެފައެވެ.