ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު އިރުއޮއްސި 7 ޖެހުމާ ހަމައަށް ފެންބޮޑުވެގެން 231 ރިޕޯޓެއް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިއަދު ކުރި ވިއްސާރައިގައި މާލެ ސިޓީގެ ބޮޑުބައެއްގަައި ފެންބޮޑުވިއެވެ. މިކަމާ ގުޅިގެން މާލޭގައި މިހާރު ކުރިއަށްދާ އިމަޖެންސީ އޮޕަރޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާ ކުރަމުން އެންޑީއެމްއޭ އިން ބުނީ މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ 231 ރިޕޯޓެއް ލިބިފައި ވާ ކަމަށާއި ހާލުގައި ޖެހިފައިވާ އާއިލާތައް ރައްކާތެެެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާރު ކުރަމުން ދާ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުން އަންނަ އިރު، މިއަދު މާލެ ސީޓީގައި ފެންބޮޑުވެ، މަގުމަތީގައި އުޅަނދުފަހަރު ނުދުއްވޭ ވަރު ވިއެވެ. ބައެއް ސަރަހައްދުތަކުގައި ކަކޫތާ ފެން ހުރި އިރު، ސައިކަލުތަކުގައި ދަތުރު ނުކުރެވޭ ވަރަށް ފެންބޮޑުވިއެވެ.

މިއަދު ކުރި ވިއްސާރައިގައި މާލޭގެ މަގުތައް ފެންބޮޑުވެފައި

އެ ގޮތުން ބައެއް ސަރަހައްދުތަކުގެ ގޭގެއަށް ފެންވަދެ ގެއްލުން ވެފައިވާ އިރު، ގޭގެއަށް ފެން ވަންނާތީ އެމްއެންޑީއެފް އާއި މާލެ ސިޓީ ކައުންސިލުން އެފަދަ ގެތަކުގެ ދޮރު މަތީގައި ވެލި ބަސްތާ ޖަހައިދީ އެހީތެރިކަން ފޯރުކޮށް ދީފަައިވެސް ވެއެވެ. ހަމައެއާއެކު މަގުތަކުން ފެން ހިންދުމަށް ޕަންޕް ހަރުކޮށް ފެން ހިންދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ބުނެފައި ވަނީ ކުރިއަށް އޮތް 5 ދުވަހަކީ ވެސް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ދުވަސްތަކެއް ކަމަށެވެ. ހަމައެއާއެކު ވައި ގަދަވާނެ ކަމަށާއި އެހެންކަމުން ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.