މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ ފެންބޮޑުވެފައި ވުމާއެކު މަގުތައް މައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ހާއްސަ ބަޔާނެއްގައި ބުނީ، މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދިމާވަމުންދާ ދަތިތަކާއެކުވެސް ވެމްކޯގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިހާލަތުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން ކުނިނެރުމުގައި އިތުރަށް ސަމާލުވުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކުނި ނެގުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، މަގުތަކަށް ކުނި ނުނެރުމަށާއި، ކުނި ނަގާ ގަޑިއަށް ސަމާލުވެ އެގަޑިތަކުގައި ފަސޭހައިން ކުނި ނެގޭނެ ގޮތަށް ކުނިތައް ބެހެއްޓުމަށްވެސް ވެމްކޯއިން ވަނީ އެދިފައެވެ.

އަދި އެއްވެސް ތަނަކުން ކުނި ނުނަގާ ހުރިނަމަ 1666 އަށް ގުޅައި، އެކަން އެންގުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ހޯދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވެމްކޯގެ މުވައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވުމަށްވެސް ވަނީ އެދިފައެވެ.

މިއަދު ހެނދުނުން ފެށިގެން މާލެ އަށް ވެހެމުންދާ ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. މާލޭގައި ގާތްގަނޑަކަށް ހުރިހާ މަގެއްގައި މިހާރު ވަނީ ފެންބޮޑުވެފައިވާ މި ދަނޑިވަޅުގައި ސިފައިންގެ އިތުރުން ފުލުހުން ވެސް ދަނީ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ މެޓުން ވަނީ ލަފާކޮށްފައެވެ.