ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދެ ދަތުފުޅަށް 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސެންބެ ކުރެއްވި ދެ ދަތުރުފުޅުގެ ތެރެއިން މިދިޔަ މަހުގެ 24 އިން 29 އަށް ވަޑައިގެންފައި ވަނީ އޮލިމްޕިކްސް ކުޅިވަރު މުބާރަތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ލިބުނު ދައުވަތުގައެވެ.

ރައީސް އޮފީހުން ބުނީ، ނައިބު ރައީސް މި ދަތުރުގައި ބައިވެރިވެވަޑައިގެން ތިން ސަބަބެއް އެބަ އޮތް ކަަމަށާއި އެއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ވެފައި ޕެރިހުގައި ބޭއްވި މި މުބާރާތަކީ ފުރަތަމަ ފަހަރަށް ދިވެހި އެތްލީޓަކު ކޮލިފައިވެގެން ކުޅުނު ފުރަމަ މުބާރާތަށް ވުން ކަމަށެވެ. ހަމައެއާއެކު ފްރާންސަކީ ކުޅިވަރުގައި އެންމެ ފުންނާބު އުސް އެއް ގައުމަށް ވެފައި ދިވެހި އެތްލީޓުންނަށް ފުރުސަތުތައް ހޯދުމަށް މަޗްވަރާ ކުރުމަށާއި، އޮލިމްޕިކްސްގެ ތެރެއިން ސްޕޯޓްސް ޓޫރިޒަމްގެ ރޮނގުން ރާއްޖެ ދުނިޔޭގެ ލީޑަރުންނަާއި އެތްލީޓުންނަށް ތައާރްފް ކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅަށް ދައުލަުން ހޭދަކޮށްފައި ވަނީ ޖުމްލަ 1،344،127.04 ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެއަށް ފަހު ނައިބު ރައީސް ވަނީ މިދިޔަ މަހުގެ 29 އިން 31 އަށް އީރާންގެ އިންތިހާބީ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް އީރާނަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ަމްނދޫނެއްގެ ހައިސިއްޔަތުންނެވެ.

މި ދަތުރުގައި ނައިބުރައީސް ވަނީ ފަލަސްތީންގެ މައްސަލައަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ހައްލެއް ހޯދެންދެން ވަކާލާތުކުރުމަށް ބާރުއަލައި ހަމަލާތައް ވަގުތުން ހުއްތާލުމުގެ މުހިއްމު ކަމާމެދު އީރާން ސަރުކާރާ އެކު މަޝްވަރާ ކުރައްވާފައެވެ. ަހަމއެއާއެކު އީރާނާއެކު ގުޅިގެން ކުރެވޭނެ ކަންކަމާ މެދު މަޝްވްރާ ކުރައްވައި އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ދަރިވަރުންނާ ވެސް ނައިބު ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރަށް ދައުލަތުން ވަނީ 464،617.43 ރުފިޔާ ހަރަދުކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެހެންކަމުން މި ދެ ދަތުރަށް ދައުލަތުން ވަނީ ޖުމްލަ 1.81 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.