ނިޔާވެފައިވާ ފަރާތްތަކުގެ ނަމުގައި ބިން ލިބުނު ކަމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ގޮތް ހަދަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ "ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެޕްލިކެންޓެއް ނިޔާވެފައިވާނަމަ ކޯޓުން ވާރިސުން ސާބިތުކުރުމަށްފަހު ގަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު އާންމުކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލްގައި މި ރިޕޯޓު އާންމުކުރުމާ އެކު މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓުމެންޓަށް އެދުމުން އެގްރިމެންޓުގައި ސޮއި ކުރުމުގެ އިންތިޒާމް ހައުސިން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމްލަ 1،408 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާއިރު، މިދިޔަ އަހަރު ދޫކޮށްފައި ވަނީ 465 ގޯތި ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ. އަދި މި އަހަރު 159 ގޯތި ދޫކޮށްފައި ވާކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ.