ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ އަދަދު މަދު ނަމަވެސް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބުލީ ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީ އިން މިހެން ބުނެފައިވަނީ މިއަދު މަޖިލީސް ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ނިމިދިޔަ ސަރުކާރުން ދޫކުރި ގޯތިތަކާއި ފްލެޓްތައް އަތުނުލާނެ ކަމަށް ސަރުކާރުން ވައުދުވުމަށް ފަހު، ހައުސިން މިނިސްޓްރީން ސިޔާސަތު ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒާ މަޝްވަރާކުރެއްވުމަށް ފަހުތޯ ކުރެއްވި ސުވާލަށް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވުމުންނެވެ.

އެ ސުވާލަށް ޖަވާބު ނުލިބުމުން ޒިޔާދު ނިޒާމީ ނުކުތާއެއް ނަންގަވައި އެކަން ފާހަގަކުރެއްވި ނަމަވެސް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޒިޔާދު އަޑުގަދަކުރައްވަން ފެށްޓެވުމުން މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އަބްދުއްރަހީމް ތަކުރާރުކޮށް ޒިޔާދަށް ނަސޭހަތްތެރިވެވަޑައިގަންނަވައި، އޭނާގެ ނަން އިއްވީއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ އަޑުގަދަކުރައްވަން ފެއްޓެވުމުން، މަޖިލީހުގެ ރިޔާސަތުން 4 މެންބަރުންގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރުކުރެވެން ދެން ޖަލްސާ މެދުކަނޑާލުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއިން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލު ވިދާޅުވީ ނަން އިއްވުމަކީ ރިޔާސަތުން މިއަދު ކޮށްގެން ވާނެ ކަމެއް ނޫންކަމަށެވެ. އެމްޑީޕީ މެންބަރުންގެ ނަން އިއްވުމަކީ ބުލީކުރުންކަމުގައި ސިފަކުރައްވަމުން ނާޒިލު ވިދާޅުވީ މެންބަރުންގެ އަދަދު މަދު ވިޔަސް ބުލީ ނުކުރެވޭނެކަމަށެވެ.

މީގެ އިތުރުން ނާޒިލު ވިދާޅުވީ މިއަދު މަޖިލީހުގެ ރިޔާސަތުން ކަންތައްތައް ކުރި ގޮތުން ޔަގީންވި ކަމަކީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކުގައި ޕީއެންސީގެ މެންބަރުންނާއި, މަޖިލީހުގެ ބާރުވެރިކަމާއި އެކީގައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްނުދޭނެކަންކަމަށާއި އެކަން ވަރަށް ސާފުކޮށް ފެންނަމުން ދާކަމަށެވެ.