އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓުގެ އީމެއިލްތަކެއް ހެކް ކޮށްފި ކަމަށާއި އެކަން ކުރީ އީރާނު ސަރުކާރުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެއްވެސް ހެއްކެއްގެ މައްޗަށް ބިނާ ކުރެއްވުމެއް ނެތި ޓްރަމްޕް އެހެން ވިދާޅުވެ ވާހަކަ ދައްކަވާފައި ވާ އިރު އޭނާ ހިމެނޭހެން އެމެރިކާ ދެކެނީ އީރާނަކީ 'ދުޝްމަނެއް' ގެ ގޮތުގައެވެ.
ޓްރަމްޕް އެވާހަކަ ދެއްކެވި އިރު 'ޕޮލިޓިކޯ' ކިޔާ ވެބްސައިޓަކުން ވަނީ، ހުސްވި ޖުލައި މަހުން ފެށިގެން ކާކުކަން ނޭނގޭ ގޮތަށް އެމީހުންނަށް އީމެއިލްތަކެއް ލިބެމުން ދާ ކަމަށާއި އެފަދަ ބައެއް މެއިލްތަކުގައި ރިޕަބްލިކަނުންނާ ގުޅޭ އެކިއެކި މައްސަލަތަކުގެ ސައްހަ ޑޮކިއުމަންޓްތައް ހިމަނާފައި ވާކަމަށެވެ. އެފަދަ ބައެއް މެއިލްތަކުގައި ޑްރަމްޕްގެ ރަނިންމޭޓަކަށް ނެންގެވި ޖޭޑީ ވޭންސް އާ ގުޅޭ ވާހަކަތައް ވެސް ހިމެނޭކަމަށް ބުނެފައި ވެއެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ކެމްޕެއިންގެ ތަރުޖަމާން ސްޓީވަން ޗިއޮންގް ވިދާޅުވީ، މިއަހަރުގެ ނޮވެމްބަރުގައި އޮންނަ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެމެރިކާ އާ އިދިކޮޅު ބާރުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމެރިކާގައި ހިނގަމުން ދާ ދިމިގްރާތީ ނިޒާމު ގަޑުބަޑުކޮށްލަން މަސައްކަތް ކުރާ ކަމަށެވެ.
ޓްރަމްޕުގެ ކެމްޕެއިން ޓީމުން އީރާނުގެ ބޮލުގައި ތުހުމަތު އަޅުވަނީ ހުސްވި ޖޫން މަހުގެ ތެރޭގައި އީރާނަށް ނިސްބަތްވާ ހެކަރުން އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭ ބައެއް އެކައުންޓްތައް ހެކްކުރަން މަސައްކަތް ކުރި ކަމަށް ބުނެ މައިކްރޯސޮފްޓްގެ ރިސާޗަރުން އާންމު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.
އެ ރިޕޯޓު ބުނާ ގޮތުން ސިޔާސީ ބޭފުޅެއްގެ އެކައުންޓެއް ހެކްކޮށް އެ އެކައުންޓް މެދުވެރިކޮށް އެހެން ބައެއް އޮފިޝަލުންނަށް މެސެޖް ފޮނުވަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގައި ހުންނަ އދ ގެ އިދާރާގެ އީރާނުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، އީރާނުގެ ސައިބާ ގާބިލު ކަމަކީ އެގައުމަށް އަމާޒުވާ ނުރައްކާތަކަށް ރައްދި ދިނުމުގެ ގާބިލުކަން ހުރި ދާއިރާއެއް ކަމަށެވެ. ޓްރަމްޕުގެ ޓީމުން ކުރާ ތުހުމަތުތަކަށް އޮފިޝަލުން ވިދާޅުވީ، އެމެރިކާގެ އިންތިހާބަކީ އެމީހުންގެ އަމިއްލަ އެތެރޭގެ އިންތިހާބެއް ކަމަށާއި އެއީ އީރާނުން ބެހޭ ކަމެއް ނޫން ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް އަދި މިހާރު ރިޕަބްލިކަނުންގެ ކެންޑިޑޭޓް ޓްރަމްޕަކީ އޭނާގެ ވެރިކަމުގައިވެސް އީރާނާ އަދާވާތްތެރި އެކެވެ. އޭނާގެ ވެރިކަމުގައި އީރާނުގެ އެންމެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާކަ ކޮށްލިއެވެ. އަދި އީރާނާ އެކު އެމެރިކާ ހިމެނޭހެން އެއްބަސްވެފައި އޮންނަ ނިއުކްލިއާ މުއާހަދާއިން 2020 ވަނަ އަހަރު އެމެރިކާ އަމިއްލަ އަށް ބޭރުވިއެވެ.