އިޒްރޭލުން ގާޒާގެ ސްކޫލަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ލާ އިންސާނީ އަމަލު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
އިޒްރޭލުގެ އުދުވާނީ ހަމަލާތަކުން ދިފާއު ހޯދަމުން އެއްތަނުން އަނެއްތަނަށް ދާ ގާޒާގެ ރައްޔިތުން ވަދެ ތިބި ސްކޫލަކަށް ހަމަލާ ދިނީ ފަތިސް ނަމާދަށް ތިއްބައެވެ. މި ހަމަލާ ގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަލް-ތާބިއީން ސްކޫލުގައި ހިމާޔަތަށް އެދިގެން ތިބި އަންހެނުންނާ ކުޑަކުދިންނާ އަދި އުމުރުން ދުވަސްވީ މީހުން ޝަހީދުވެ އަދި ޒަހަމްވެފައިވާ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ބިރުވެރި މަންޒަރުތަކެއްގެ ގޮތަށް ސިފަ ކުރައްވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި 39،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ހަނގުރާމަ ހުއްޓާލަން އިޒްރޭލުން މަސައްކަތް ކުރަމުންދ ނުދާކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ މިއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އަދި އިޒްރޭލު ޖަވާބުދާރީކޮށް، އާންމު ރައްޔިތުން ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން އަމަލުކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ސްކޫލުތަކާއި އދ އިން ހިންގާ އެކިއެކި މަރުކަޒުތަކާއި އަދި އަމާން ސަރަހައްދުތައް ކަމަށް އިޒްރޭލުން ކަނޑައަޅާފައި އޮންނަ ސަރަހައްދުތަކަށް ވެސް ދޭތެރެ ދޭތެރެ އިން އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. އެގޮތުން ދިން މިހަމަލާގައި އިމާރާތް ފޫއަޅާ ބޮޑުބައެއް ފުނޑުފުނޑުވެގެން ދިޔަ އިރު ޝަހީދުވި މީހުންގެ އިތުރުން އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.
މި ހަމަލާ އާ ގުޅިގެން އިޒްރޭލުން ބުނީ, އެ ސްކޫލަށް ހަމަލާ ދިނީ އެއީ ހަމާސް އިން ފޮރުވިގެން ތިބެ ބޭނުން ކުރާ ކޮމާންޑް ސެންޓަރަކަށް ވާތީ ކަމަށެވެ. އެއްވެސް ހެއްކެއްގެ މައްޗަށް ބިނާ ކުރުމެއް ނެތި އިޒްރޭލުން ބުނެފައި ވަނީ, އެތާނގައި ހަމާސް އާއި އިސްލާމިކް ޖިހާދުގެ 20 މުޖާހިދުންނާއި ކޮމާންޑަރުން ތިބި ކަމަށެވެ. އަދި އެ ހަމަލާގައި ޝާހީދުވި ކަމަށް ފަލަސްތީނުގެ އިދާރާތަކުން ހާމަކުރާ އަދަދުތަކަކީ އޮޅުވާލައިގެން ހާމަ ކުރާ އަދަދުތަކެއް ކަމަށް ބުނެ އެ ހަމަލާއިން ރެކި ގަތުމަށް އިޒްރޭލުން މަސައްކަތް ކޮށްފައި ވެއެވެ.
މި ހަމަލާ ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުން ކުށްވެރި ކޮށްފައި ވާ އިރު ސްކޫލުތަކުގައި ހަމާސްގެ މުޖާހިދުން ފިލާ ތިބޭ ކަމަށް ބުނެ މީގެ ކުރިންވެސް މިފަދަ ހަމަލާތައް ވަނީ ދީފައެވެ.