ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ހުތުބާ ލިޔުއްވައިފިއެވެ.
މިއަދު ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި އިއްވި ހުތުބާގައު އަލި އަޅުވާލާފައި ވަނީ އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށެވެ. މި ހާއްސަ ހުތުބާ ލިޔުއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސްތާޒާ ހައްވާ ލަތީފެވެ. މިއީ ދިވެހި ތާރީހުގައި އަންހެނަކު ހުތުބާ ލިޔުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
ހައްވާ ލަތީފް ވަނީ މީގެ ކުރިން އިސްލާމިކް ޔިނުވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަމުގެ އިތުރުން ވައިސް ރެކްޓަރާގެ މަގާމުވެސް ފުރުއްވާފައެވެ. އެކަމަނާ ތައުލީމް ހާސިލް ކުރައްވާފައި ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ އިތުރުން މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީންނެވެ. އަދި މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީންވެސް ހައްވާ ލަތީފް ވަނީ ތައުލީމް ހާސިލް ކުރައްވާފައެވެ.
މީގެ އިތުރުންވެސް މިއަދު ވަނީ އިސްލާމީ މަރުކަޒުގެ ޓީވީ ތަކުން ފުރަތަމަ ފަހަރަށް ހުތުބާގެ އިނގިރޭސި ސަބްޓައިޓަލް އަރުވަން ފަށާފައެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަންނަ ހަފްތާއިން ފެށިގެން ހުރިހާ ޓީވީ ތަކަށް ވެސް ތަރުޖަމާގެ ފީޑް ހިއްސާ ކުރައްވާނެ ކަމަށެވެ.
މިދިޔަ އަހަރު ކުރީކޮޅު ވަނީ ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގައި ކިޔާ ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަންވެސް ފަށާފައެވެ.
ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ފެށީ ރާއްޖެއަކީ ގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމީ ދަޢުވަތު ފެތުރުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާ ކުރުމަކީ މިނިސްޓްރީގެ އެއް އަމާޒެވެ.