އާއިލީ ގުޅުން ދެމެއްޓުމަށްޓަކީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަން ޖެހިފައިވާ ދީނީ އަދި އިޖުތިމާއީ ބޮޑު މަސައްކަތެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

ތާރީހީ ގޮތުން ބަލާ އިރު އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާއަތަކީ އާއިލާކަން ފާހަގަ ކުރަމުން މިއަދުގެ ހުތުބާ އަލި އަޅުވާލާފައި ވަނީ އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

އެގޮތުން އާއިލާގެ އުނގަކީ ތުއްތު ކުއްޖާއަށް އެންމެ ފުރަތަމަ އަމާންކަމާއި ހިމާޔަތާއި ލޯބި ދިން އުނގު ކަމަށާއި އިންސާނާގެ ޝަހުސިއްޔަތު ބިނާކޮށްދީ ތަހުޒީބު މުވާތިނަކަށް ހަދައިދޭ މަދަރުސާ ކަމަށާއި އެއީ ކުއްޖާ ބޮޑުވެ، ދިރިއުޅުމުގެ ހަމަތަކާއި އުސޫލުތަކާއި ސަގާފަތްތަކާއި އާދަކާދަތައް ލިބިގަންނަ މަރުކަޒު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

އަދި ހަރުދަނާ މުޖުތަމައެއްގެ އަސާސަކީ އާއިލާއަށްވާއިރު އެއީ މުޖުތަމައުގެ ބިންގާ ކަމަށާއި މި ބިންގާ ވަރުގަދަ ކުރެވިގެން ނޫނީ މުޖުތަމައު ބާރުވެރި ނުކުރެވޭނެ ކަމަށް ވެއެވެ. އާއިލީ ގުޅުންތަކުގެ ތެރޭގައި ހިމެނެނީ ދެމަފިރީންގެ ގުޅުމާއި މައިންބަފައިންނާއި ދަރިންނާ މެދު އޮންނަ ގުޅުމާއި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަހުންނާއި އުހުތުންގެ ގުޅުންތަކާއި މާމައިންނާއި ކާފައިންނާއި ބޮޑު ބޭބެއިންނާއި ބޮޑުދައިތައިންނާ އަދި އެ މީހުންގެ ދަރީންގެ މެދުގައި އަދާކުރަން ޖެހޭ ހައްގުތަކާއި ވާޖިބުތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އިސްލާމްދީނުގައި އިންސާނީ ނަސްލަށް ވަރަށް ބޮޑު އަހައްމިޔަތެއް ދީފައިވާ ކަން ފާހަގަކޮށް މިއަދުގެ ހުތުބާގައި ބުނި ގޮތުގައި އެހެން މަހްލޫގުންނަށް ނުދެއްވާ މަތިވެރި ދަރަޖަ އިންސާނުންނަށް މާތް ﷲ ދެއްވަވާފައި ވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ހަވާލުކުރައްވާފައި ކަމުގަ އެވެ.

އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އަޅައިލުމާއި ލޯބި ނުލިބުމުގެ ސަބަބުން އާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި ދޮށީ އުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައި ދިރިއުޅެމުންދާ ކަން ފާހަގަ ކޮށް މި ކަންކަމާ މެދު ފުންކޮށް ވިސްނައި، އާއިލީ ގުޅުން ވަރުގަދަކުރުމަށް ޓަކައި އާއިލާގެ މެމްބަރުންނަށް އާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ހައްގު ހޯދައިދިނުމަށް އާއިލާގެ ކޮންމެ ފަރުދަކު މަސައްކަތް ކުރަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"މިއީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެކެވެ. އާއިލީ ވެށްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ހައްގެކެވެ. އެ ހައްގުން އާއިލާގެ މެމްބަރަކު މަހްރޫމު ކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެކެވެ." ހުތުބާގައި ބުންޏެވެ.

އާއިލީ ގުޅުން ދެމެހެއްޓުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތައް ގުޅިގެން ގައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަކީ މިއަދު ކުރަން ޖެހިފައިވާ ދީނީ އަދި އިޖުތިމާއީ ބޮޑު މަސައްކަތެއްކަން ފާހަގަކޮށް މިއަދުގެ ހުތުބާގައި ވަނީ މި ކަމަށް ހިތްވަރު ލިބިގަނެ، އިސްނެގުމުގެ ކުޅަދާނަކަން ހޯދުމަށް ނަސޭހަތްތެރިވެފައެވެ.