ބޮޑުތަކުރުފާނުމަގުގައި ހުރި "އާރްޑީސީ" ސައިޓުގައި، ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ރޭ ދަންވަރު 00:13 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދަށް ގޮސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ 00:23 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވެއެވެ.

މާލޭގައި ދޭތެރެ ދޭތެރެއިން މިފަދަ އަލިފާނުގެ ހާދިސާތައް ހިނގައެވެ. އެގޮތުން ހުސްވި މަހުގެ 29 ވަނަ ދުވަހުވެސް ވަނީ މ. އޯކިޑް ޕްލާޒާގޭގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ރޭގެ ފަތިހު ހިނގި މި ހާދިސާގައި ވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ ކައިރި ގެތަކުގެ ދިރިއުޅޭ މީހުން ސިނގިރޭޓު ބުއިމަށްފަހު އެއްލާލައި ފިލްޓަރުތަކުގެ ސަބަބުންނެވެ. އަދި މިފަދަ ހާދިސާތައް މީހުން ދިރިއުޅޭ ގެތަކުގައި ވެސް ހިނގާފައި އެބަހުއްޓެވެ.