ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުން އެ ޖަމާއަތުގެ އާ ލީޑަރެއްގެ ގޮތުގައި ޔަހުޔާ ސިންވާރު ހަމަޖައްސައިފިއެވެ.
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަވަނިކޮށް ހަނިއްޔާ އަވާހަރަ ކޮށްލީ އިޒްރޭލުން ކަމަށް އީރާނުން ވަނީ ބުނެފައެވެ.
އާ ލީޑަރަކަށް ހަމަޖެއްސި ސިންވާރަކީ ހޯދާ އަވަހާރަކޮށްލަން އިޒްރޭލުން އެންމެ ބޮޑަށް ބޭނުންވާ ހަމާސްގެ ލީޑާޝިޕްގައި ހިމެނޭ އެންމެ ނުފޫޒުގަދަ އެއް ފަރާތެވެ. އޭނާ ފިއްލަވައިގެން އުޅުއްވަނީ ގާޒާގެ ބިމު އަޑީގެ ބިންގަރާސްތަކުގައި ކަމަށް އިޒްރޭލާއި އެމެރިކާއިން ބުނެއެވެ.
އުމުރުން 61 އަހަރުގެ ސިންވާރަކީ އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި އޮކްޓޯބަރު 7, 2023 ގައި އިޒްރޭލަށް ދިން ހަމަލާގެ ރޭވުމުގެ ފަހަތުގައި ހުންނެވި ފަރާތެވެ. އެ ހަމަލާގައި އިޒްރޭލުން 1100 މީހަކު މަރުވެފައި ވާއިރު, ހަމާސް އިން ވަނީ 200 މީހަކު ރަހީނުވެސް ކޮށްފައެވެ.
ހަމާސް އިން ރަހީނު ކުރި މީހުން ސަލާމާތް ކުރުމަށާއި ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 40,000 މީހުންގެ ފުރާނަ ވަނީ ދުއްވާލާފައެވެ. އާބާދީގައި 2.3 މިލިއަން ހިމެނޭ ގާޒާގެ އެންމެހާ ރައްޔިތުން މިއަދުވަނީ އިޒްރޭލުގެ އުދުވާނުގެ ޝިކާރައަކަށް ވެ, ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.
ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ޒިންމާ އިޒްރޭލުން އަދި އުފުލާފައި ނުވާ އިރު, މިހާތަނަށް ހާމަ ކުރި ބައެއް މައުލޫމަތުން އެނގޭ ގޮތުގައި ހަނިއްޔާ އަވާހަރަ ކޮށްލަން ދިން ހަމަލާ ދީފައިވަނީ އީރާނުގައި އޭނާ ހުންނެވި ހޮޓަލުގެ ބޭރުން މާދުރުނޫން ހިސާބަކުންނެވެ. އެކަން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންވެސް ވަނީ ހާމަ ކޮށްފައެވެ.
ގާޒާ ހަނގުރާމަ ފެށުނު ފަހުން ސިންވާރު އާންމުކޮށް ފެނިފައި ނުވާ އިރު, އާ ލީޑަރަކަށް އޭނާ ހަމަޖެއްސުމުން ދޭހަވަނީ ގާޒާގެ ކޮންޓްރޯލް ނުވަތަ ހަމާސްގެ ކޮންޓްރޯލް އަދިވެސް އޮތީ އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ އަތްމަތީގައި ކަމަށް ދިރާސާ ކުޔރާ ފަރާތްތަކުން ބުނެއެވެ.
ގާޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އާއި ގަތަރާއި އަދި މިސްރު ހިމެނޭހެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ހަނިއްޔާ އިސް ދައުރެއް އަދާކުރައްވާފައި ވާ އިރު އާ ލީޑަރަކަށް ހަމަޖެއްސި ސިންވާރާއެކު އެމަސައްކަތް ކުރިއަށް ދާނެ ގޮތަކާ މެދުވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.
އާ ލީޑަރަކަށް ސިންވާރު ހަމަޖެއްސުމުން ހިޒްބުއްލޯ އިން ވަނީ މަރުހަބާ ކިޔައި ބުނީ ހަމާސް އޮތީ ގަދަކޮށްކަން ދޭހަވާ ކަމަށާއި އެއީ އިޒްރޭލާއި އެމެރިކާއަށް ވަރުގަދަ މެސެޖެއް ލިބިގެން ދާނެ ކަމެއް ކަމަށް ބުނެއެވެ.
ހާން ޔޫނިސްގެ ރެފިއުޖީ ކޭމްޕުގައި އުފަންވެ ވަޑައިގެން ސިންވާރަކީ ގާޒާ ސްޓްރިޕްގެ ލީޑަރަކަށް 2017 ގައި ހަމަޖެއްސުމާ ހަމައަށް, ގާޒާގެ ތެރޭގައި އުޅޭ އިޒްރޭލަށް ޖާސޫސް ކޮށްދީ ހަދާ ފަރާތްތައް ނައްތާލުމުގެ ޒިންމާ އޮތް ފަރާތްވެސް މެއެވެ.