އައްޑޫ ސިޓީ އަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 1,600 ކިލޯވޮޓްގެ ޖެންސެޓެއް އެ ސިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފެނަކައިން މީގެކުރިން ބުނެފައިވަނީ އައްޑޫއަށް ދިމާވާ ކަރަންޓު މައްސަލައިގެ އެއް ސަބަބަކީ މަގު ހަދާއިރު ކޭބަލަށް ތަކުރާރުކޮށް، ގެއްލުން ލިބެމުންދާތީ ކަމަށެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް ވަނީ މި އޮގަސްޓު މަހު އައްޑޫ ސިޓީ އަށް ދިމާވާ ކަރަންޓު މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

އައްޑޫސިޓީއަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި ގާތްގަނޑަކަށް 12 މެގަ ވޯޓްގެ ކަރަންޓު ބޭނުންވާކަން ފާހަގަ ކުރައްވާ ތޯރިގް ވިދާޅުވީ އައްޑޫސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަށް 20 ޖަނަރޭޓަރު ސެޓު ބަހައްޓާފައި ހުރި ނަމަވެސް އޭގެތެރެއިން 5 ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށެވެ.

އެ 20 ޖަނަރޭޓަރުގެ ޖުމްލަ ކެޕޭސިޓީއަކީ 26.8 މެގަ ވޯލްޓް ކަމަށާއި 5 ޖަނަރޭޓަރު ހަލާކުވެފައި ހުރުމުން މިހާރު އުފެއްދެނީ 15.5 މެގަ ވޯލްޓްގެ ކަރަންޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަބަބާހުރެ އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ގަޑިތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިިނިސްޓަރު އިތުރަށް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް 1.5 މެގަވޯލްޓްގެ އާ ޖަނަރޭޓަރެއް ގަނެފައިވާ ކަމަށެވެ. އަދި އޮގަސްޓު މަހުގެ ތެރޭގައި އެ ޖަނަރޭޓަރު ބަހައްޓާ ކަރަންޓު ދޭން ފެށޭނެ ކަމަށެވެ.