ފަލަސްތީން މައްސަލައާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ކުއްލި ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ ސައުދީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އިރާނުގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން އޯއައިސީގެ އެޗްޒެކްޓިވް ކޮމިޓީން ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ބާއްވަނީ ފަލަސްތީނާއި އިރާނުގެވެސް އެދުމުގެ މަތިންނެވެ. މި ބައްދަލުވުމުގައި އޯއައިސީގެ ހުރިހާ މެންބަރު ގައުމަކުން ވެސް ބައިވެރިވާނެއެވެ. މި ބައްދަލުވުމުގައި އޯއައިސީގެ އެޗްޒެކްޓިވް ކޮމިޓީގައި ހިމެނޭ އިތުރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވާއިރު، މި ބައްދަލުވުމުގެ މިނިސްޓަރު ޒަމީރު ތަގުރީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ޒަމީރު ސައުދީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެއް ދުވަހަށެވެ.

އިޒްރޭލުން ގާޒާ ތަޅާ ސުންނާފަތި ކުރުމަށް ހިންގާ އުދުވާނުގައި މިހާރު މުޅި ގާޒާގެ 70 ޕަސެންޓް އެކީ އެކަށް ވަނީ މިބާ ހަމަކޮށްފައެވެ. ވީރާނާ ވެފައިވާ ގަބުރުސްތާނެއް ފަދަ ބިމަކަށް އެތަން ހަދާފައި ވާ އިރު އިޒްރޭލު ސިފައިން މިހާރު ވަނީ ގާޒާ ސިޓީ [ގާޒާގެ އުތުރު] ގައި ތިބި އެ ބިމުގެ އެންމެހާ ވަޒަންވެރިން އެތަނުން ފޭބުމަށް އަމުރު ކޮށްފައެވެ. އިޒްރޭލުން ބުނެފައި ވަނީ އެތާނގައި ނުފައިބެ ހުރި މީހަކު ހުރިއްޔާ އެމީހަކީ ހަމާސްގެ މީހެއް ކަމަށް ބަލައި މަރާލާނެ ކަމަށެވެ.

ގާޒާ ހިފުމުގައި އިޒްރޭލުގެ އޮތް ދެވަނަ ބޭނުމަކީ ބިންތައް އަތުލުން ކަމަށް ވާއިރު މިއީ 1948 ގެ ހަނގުރާމައަށް ފަހު ބިމުގެ އެންމެ ބޮޑު ސަރަހައްދެއް އަތުލާ ފުރަތަމަ ފަހަރެވެ. އިޒްރޭލުން މިހާރު ވަނީ ގާޒާ ސިޓީގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ ޕްލޭންތައް ނިންމާ, އެތަނަށް ދާން ބޭނުންވާ ވޮލަންޓިއަރުންވެސް ހޯދަން ފަށާފައެވެ.