ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާއާ އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުވި އާންމު ރައްޔިތުންގެ ބޮޑު މުޒާހަރާގައި އެކަމަނާގެ ގަނޑުވަރަށް ވަދެ އެކަމަނާގެ އަންނައުނުކޮޅުވެސް ފޭރިގަނެއްޖެއެވެ.

ޝައިހު ހަސީނާ މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަވަށްޓެރި އިންޑިއާގެ ހިމާޔަތް ހޯއްދަވައިގެން އެގައުމަށް ވަޑައިގެންފައެވެ. 2009 އިން ފެށިގެން ބަނގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދެވި ހަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ، އެގައުމުގައި ސިވިލް ސާވީސްގެ ވަޒީފާ ދިނުމުގައި 1971 ގެ ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކުގެ އާއިލާތަކަށް ކޯޓާއެއް ކަނޑައަޅާފައި އޮންނަ މައްސަލައިގައި އާންމުން ހިތްހަމަ ނުޖެހި ފެށި މުޒާހަރާތަކުގައި އާންމުންގެ ބަޔަކު މަރުވެފައި ވުމުން އުފެދުނު ރުޅިވެރިކަމުގައި ކުރަމުން ދިޔަ މުޒާހަރާ ކޮންޓްރޯލުން ނެއްޓިގެންނެވެ.

އެ ކޯޓާ ސިސްޓަމް ބަދަލުކޮށް އެގައުމުގެ ސްޕްރީމް ކޯޓުން 7 ޕަސެންޓް، ހަނގުރާމައިގެ އާއިލާތަކަށް ކަނޑައަޅާ، ބާކީ 93 ޕަސެންޓް މެރިޓެ ބޭސް އަށް [ތައުލީމީ ވަނަވަރަށް] ބެލުމަށް އަންގާފައި ވީ ނަމަވެސް އާންމުން ބުނަމުން ގެންދިޔައީ، ވެރިއަކަށް ހުންނެވި ފަރާތުން އާންމު ރައްޔިތުން މަރާފައި ވުމަކީ މައާފު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހަސީނާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމަށެވެ.

ބަންގްލަދޭޝްގެ އާންމުން ރިޔާސީ ގަނޑުވަރު ހިސޯރުކޮށްފައި

އެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 300 އަށްވުރެ ގިނަވާނެ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.

އެ ގައުމުގެ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ހަސީނާ ފިއްލެވުމާއެކު އެކަމަނާ ދިރިއުޅުއްވަމުން ގެންދިޔަ ރިޔާސީ ގަނޑުވަރަށް އާންމުންގެ ގިނަ ބަޔަކު ވަނީ ވަދެގަނެފައެވެ. އަދި މީޑިއާތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރިޔާސީ ގަނޑުވަރުގައި ހުރި އެކަމަނާގެ އަންނައުނުތަކާއި ފަރުނީޗަރުތަކުގެ އިތުރުން ކޭންބައްލަވަން ގެންގުޅުއްވި ތަށިތައްވެސް އާންމުން ވަނީ ގެންގޮސްފައެވެ. އަދި ޑީފްރީޒަރުތަކާއި ފަންކާގެ އިތުރުން ގޮނޑި މޭޒުތައްވެސް ގެންދިޔައެވެ.

އަދި ފެނުނު އިތުރު ވީޑިއޯއެއްގައި ހަސީނާ އިއްޔެ މެންދުރަށް ފަރިއްކުޅުވަން ކައްކާފައި ހުރި ކާނާތައް ވެސް ވަނީ އާންމުން ވަދެ ކައިފައެވެ. މީގެ އިތުރުން ހަސީނާ ނިދި ކުރައްވާ އެނދުކޮޅުގައި އާންމުން އޮށޯވެ ނިދާގޮތް ދައްކާ ފޯނާ ކުޅެން އޮންނަ މަންޒަރުތައް ވެސް ފެނެއެވެ.

ހަސީނާގެ ގަނޑުވަރުން އާންމުން ގެންދިޔަ ތަކެތީގެ ތެރޭގައި ހެދުމުގެ އަޑިން ހަސީނާ އެތެރެއިން ތުރުކުރައްވާ ތަކެތި ވެސް ގެންދިޔައެވެ.

ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމުގެ އާންމުން އުފާ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ބަންގްލަދޭޝްގެ ޖަލުގައި އިންނެވި ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު އެންމެ ވަރުގަދަ އެއް ލީޑަރު ހާލިދާ ޒިއާ ވަނީ މިނިވަން ކޮށްފައެވެ.

ހަސީނާގެ ގެކޮޅުގައި ގެންގުޅުނު ސާމާނު ގެންދާ މަންޒަރު

ހިޔާނާތުގެ މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ހާލިދާ ޒިއާ މިނިވަން ކުރުމަށް، ބަންގަލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން، އިއްޔެ އަމުރު ކުރެއްވީ، އޭނާގެ ސިޔާސީ ވާދަވެރިޔާ ޝެއިހް ހަސީނާ ވެރިކަމުން ދުރުކޮށް އަސްކަރިއްޔާ އިން ވެރިކަމާ ހަވާލުވިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ނިމިދިޔަ 2022 ވަނަ އަހަރު ސްރީލަންކަގައި ވެސް މިފަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސް އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލައި އާންމުން ވަނެވެ. ލަންކާގައި އޭރު މުޒާހަރާކޮށްފައި ވަނީ އެ ގައުމުގެ ޓެކްސް ބޮޑުކޮށް، އިންފްލޭޝަން މަތިވެ، ރިޒާވް ދަށްވެ، ތެޔޮ ހުސްވެ، އަދި އެގައުމުގެ އާ ބޮޑުވަޒީރަށްވެސް މިކަންކަމަށް ހައްލު ހޯއްދަވައި ނުދެވުމުންނެވެ. އެފަހަރުވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮޓަބަޔާގެ ގެކޮޅަށް ވަދެ، އެތަނުގައި ހުންނަ ސްވިމިންގް ޕޫލަށް އެރި އުފާ ފާޅުކޮށްފައެވެ.