މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ސިއްހީ ދާއިރާގެ އެކި ކަންކަމަށް ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ނުދައްކާ 300 މިލިއަނެއްހާ ރުފިޔާ އެބައޮތްކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ކޮންޒިއުމަބަލްސް އަދި ފާމަސީތަކަށް ބޭނުންވާ އެންމެ އާދައިގެ ބޭސް ލިބުމުގައިވާ ދަތިތައް ހައްލުކުރަން ކުރާ މަސައްކަތާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި ހަލީލް ވިދާޅުވީ، ކޮންސިއުމަބަލްސް ހުސްވުމަކީ އަބަދުވެސް ދިމާވާކަމެއް ކަމަށާއި އެހެންނަމަވެސް މެދުނުކެނޑި ކޮންސިއުމަބަލްސް ލިބޭނެ ގޮތެއް ހެދުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރު ވެސް އެސްޓީއޯއާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީއާ ހަވާލުވިއިރު އެސްޓީއޯއަށް 300 މިލިއަނެއްހާ ރުފިޔާ ދައްކަންޖެހިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮންސިއުމަބަލްސް، ރިއެޖެންސްޓްސް އަދިވެސް އެހެން ސިއްހީ ދާއިރާއާ ގުޅުންހުރި ބައެއް ހަރަދުތަކަށް ދައްކަންޖެހޭ މި ފައިސާގެ ބޮޑު ބައެއް މިހާރު ދައްކާފައިވާ ކަމަށެވެ. އިތުރަށް ހަލީލް ވިދާޅުވީ އެ ފައިސާ ދެއްކުމުގެ ސަބަބުން ވެސް އެސްޓީއޯއިން ފޮރުކޮށްދޭ ކޮންސިއުމަބަލްސް ފޮރުކޮށްދޭން މިހާރު ފަސޭހަވާނެކަމަށެވެ.

އިތުރަށް ހަލީލު ވިދާޅުވީ މި ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ސެކްޓަރުތަކުގެ ފަރާތްތަކާއެކުސޮފްޓްވެއާއެއް ޑެވަލޮޕް ކުރަމުން އަންނަކަމަށެވެ. އަދި އެ ސޮފްޓްވެއާގެ ސަބަބުން ހޮސްޕިޓަލްތަކާ، ސިއްހީ ހިދުމަތްދޭ ތަންތަނަށް މަދުވަނީ ކޮން އެއްޗެއްކަން އެނގި އަދި ނެތީ ކޮން އެއްޗެއްތޯ ދެނެގަނެވޭނެކަމަށެވެ.