ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށާއި، ކަރަންޓު އިގްތިސޯދު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު ދާއިރާއަކީ، ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓާންސް) ދެނެގަތުން ކަމަށެވެ. ހަމައެއާއެކު މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ސައްހަ ކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

މި ދިރާސާގައި ވޭތުވެދިޔަ 10 އަހަރު ގެ ޑޭޓާ އިވެލުއޭޓް ކުރާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ. މި ދިރާސާގެ އަސާސީ މަގްސަދުގެ ތެރޭގައި ސްޓެލްކޯގެ ކަރަންޓް ބިލްތަކުގެ ފުރިހަމަ ދިރާސާއެއް ކުރުމާއި ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއާއި ބިލްކުރުމުގެ ސައްހަކަން ވަޒަންކުރުން ހިމެނެއެވެ. ހަމައެއާއެކު ހަކަތައިގެ ކުރުންތެރިކަން (އެނާޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު ބެލުން ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ދިރާސާއިން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުމާއި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަތުން ހިމެނެއެވެ. ހަމައެއާއެކު މީޓަރު ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ސައްހަކަން ކަށަވަރުކުރުން ވެސް ހިނެނެއެވެ.

މީގެ އިތުުރުން ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުމާއި، ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުމާއި ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ހިޔާލު ދެނެގަތުން ހިމެނެއެވެ. އަދި ކުންފުނީގެ އިސްތިރާޖު ކަނޑައެޅުމާއި ގޮތް ނިންމުމުގެ މަރުހަލާތަކަށް އެހީތެރިވުމަށްޓަކައި ހިޔާލުދީ، ތަފާސް ހިސާބާއި ދިރާސާގެ މައްޗަށް ބިނާކުރާ މަޝްވަރާ ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.