ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ނިމާލް، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރުމާއެކުއެވެ.

ޒުލްފާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރިކަން ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެކަމަކު ސަބަބެއް ވިދާޅެއް ނުވެއެވެ.

އެލްޖީއޭގެ ސީއީއޯއަށް މިހާރު އައްޔަނުކުރި މުހައްމަދު ނިމާލް އަކީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމާއި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓާ ކައުންސެލާ މަގާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމާއި ސްޓެލްކޯގެ އެމްޑީކަންވެސް ނިމާލް ވަނީ ކުރައްވާފައިވެއެވެ.

ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަސިޓީއިން ބެޗްލާ އޮފް ބިޒްނަސް (މާކެޓިން) ހާސިލް ކުރައްވާފައެވެ.