ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) އިން ރާއްޖޭގެ އެންމެ ދެކުނުގައިވާ 4 އަތޮޅު ގުޅާލުމަށް ދެމުން އަންނަ އާރުޓީއެލް ފެރީގެ ހިދުމަތަށް އައު ސްޓޮޕެއް އިތުރުކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ފެރީ ހިދުމަތުގައި ހިމެނޭ ޒޯން 5 (ހުވަދޫ އަތޮޅު) އަދި ޒޯން 6 (އައްޑޫ ސިޓީ/ފުވައްމުލައް ސިޓީ) ގުޅުވައިދޭ ފުވައްމުލައް - ވާދޫ ރޫޓަށް މާދަމާ އިން ފެށިގެން ފަރެސްމާތޮޑާއަށް ހުއްޓާގޮތަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މިއީ ކަސްޓަމަރުންގެ ހިޔާލާ މަޝްވަރާއާއި އެކު މި ޒޯންގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ގެނެވިފައިވާ ބަދަލެއްކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

އާރްޓީއެލްގެ ހިދުމަތް ދެކުނުގެ އަތޮޅުތަކަށް ފަށާފައިވަނީ މިދޔަ 2023 ވަނަ އަހަރު އޮގަސްޓްމަހުގެ ތެރޭގައެވެ. ކުރީ ސަރުކާރުން، ގައުމީ ފެރީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން މަސައްކަތް ފަށާފައިވާއިރު މިއީ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ދެކުނުގެ އާރުޓީއެލް ފެރީގެ ހިދުމަށް ފެށިގެން މިހާތަނަށް އައި އިރު، މި ހިދުމަތަކީ ގިނަ ބަޔަކު ބަލައިގެންފައިވާ އަދި ފެންވަރު ރަނގަޅު ހިދުމަތެއްކަން ފާހަގަކޮށްލެވެއެވެ.