މި ސަރުކާރާ ދުރަށް ޔާމީން ޖެހިވަޑައިގަތީ ސަރުކާރު ގޯސްވެގެން ނޫންކަމަށާއި އެއީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެ ޔާމީން އަށް 'ހޫނު' ރައްދެއް ދެއްވައިފިއެވެ.

މިއަދު އެކްސްގައި އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީން ސަރުކާރާ ދުރަށްޖެހި ވަޑައިގަތީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބައްލަވަން ލަގޮނޑިއަށް ކެތްނުވެގެން ކަމަށެވެ. "ވެރިކަމުގެ އިއްޒަތާއި ލައްޒަތަށް އޮތް ދަހިވެތިކަމަކުން. ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވާ. މިކަން ވަކީންބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން." ޔާމީން އަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، މި ސަރުކާރަކީ އެމަނިކުފާނުގެ ހިއްސާވެސް އޮތް ސަރުކާރެއްކަމަށާ އެކަމަކު ދުރަށް ޖެހިވަޑައިގެން އުޅުއްވަނީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރަން އުނދަގޫވެގެން ކަމަށެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރުވެގެން އުޅުއްވަނީ ކޮންމެހެން އިދިކޮޅު ޕާޓީއަކަށް ވެގެންނޫންކަމަށެވެ.

މި ސަރުކާރާ ދުރަށްޖެހިވަޑައިގެންނެވީ ސަބަބު ހާމަކުރައްވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަމުންދާ ކަމަށެވެ. އަދި އެކަން ހަޖަމްކުރައްވަން އުނދަގޫވެވަޑައިގެން އަދި އެކަންކަން ދިފާއު ކުރައްވަން ބޭނުންވެ ވަޑައިނުގަންނަވާތީ ސަރުކާރާ ދުރަށްޖެހިވަޑައިގެންނެވީ ކަމަށެވެ. އިތުރަށް ޔާމީން ވިދާޅުވީ ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށާއި ބަޔަކު ކުރާ އެ ފަދަ މަސައްކަތެއްގައި ބައިވެރި ވެސް ވެވަޑައިނުގަންނަވާނެ ކަމަށެވެ.