ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޖަޕާނުގެ މަޤްބޫލް ޓީވީ ޕްލެޓްފޯމެއް ކަމަށްވާ ޓީވާ އާއެކު ކެމްޕެއިން އެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ލޯންޗްކޮއްފިއެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިން މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖަޕާނުގެ މަގުބޫލް ޓީވީ ޕްލެޓްފޯމެއް ކަމަށްވާ ޓީވާ އަކީ 2015 ވަނަ އަހަރު ތާރަފްކުރި އެޑް ސަޕޯޓެޑް ވީޑިއޯ އޮން ޑިމާންޑް ނެޓްވޯކްގެ ޓީވީ ޕްލެޓްފޯމް އެކެވެ. ޖަޕާނުގައި ބޮޑު މަގުބޫލުކަމެއް އޮންނަ މި ޕްލެޓްފޯމުން ރާއްޖޭގެ ލަގްޒަރީ ސެގްމަންޓް ތަކާއި، އާއިލާތަކަށް ހާއްސަ ސެގްމަންޓް ތަކާއި، ކަނޑު އަޑީގެ ރީތި ކަން އެކުލެވޭ އިޝްތިހާރުތަކާއި ވީޑިއޯތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ އަންނަ ޖަޕާނުގެ ފަތުރުވެރިން އިތުރުކުރުމަށް އެމްއެމްޕީއާރްސީ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މި އަހަރު ވަނީ ޖަޕާން އެކައުންޓްތަކަށް ހާއްސަކޮށް ސޯޝަލް މީޑިއާގައި ކެމްޕެއިންތަކާއި، ލަގްޒަރީ އަދި ވެލްނަސް އަށް ހާއްސަ މީޑިއާ ފެމް ޓްރިޕްއަކާއި، މެލޭޝިޔަން އެއާލައިން އާއި ގުޅިގެން ވެބިނާއެއް ބާއްވައި ޖަޕާނުން ފަސޭހަ ކަމާއިއެކު ރާއްޖެއަށް ދަތުރު ކުރެވޭނެ މަގުތައް ފަހިކޮށްދީފައެވެ.
ޖަޕާން މިވަގުތު އޮތީ ރާއްޖެ އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ 15 ވަނައިގައެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޖަޕާނުގެ 13,517 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ މާކެޓް ޝެއާގެ 1.5 އިންސައްތައެވެ.