ފުލުހުން ޓޯ ކުރި ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއްވެ ކަން ހިނގާ ދިޔަ ގޮތުގެ ތަހުގީގެއް ހިންގަމުންދާ ކަމަށް އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާނު ވިދާލުވެއްޖެއެވެ.

ޓޯ ކުރިއިރު ލިބިފައިވާ ގެއްލުންތައް ކަމަށް ބުނެ މީހަކު ވަނީ ސޯޝަލް މީޑިއާގައި ޓެކްސީއަކަށް ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކެއް އާންމު ކޮށްފައެވެ. އަދި އެއީ ދެރަ ކަމެއްކަން ފާހަގަ ކޮށް އޭނާ ވަނީ ގެއްލުމުގައި ޒިންމާ ވާނީ ކާކުތޯ ސުވާލު އުފައްދާފައެވެ.

އެ ފޮޓޯތަކުން ފެންނަގޮތުގައި ކާރުގެ ކުރިމަތީ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކާރަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

އެ ޕޯސްޓު ހިއްސާ ކުރި އެހެން މީހަކު ވަނީ މިއީ ރާއްޖެ ނޫން ކޮން ގައުމެއްގައި ވެހިކަލް ޓޯ ކުރާ ގޮތެއްތޯ ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ރައްޔިތުމީހާ ދެން ޖެހޭނީ ކޮންމެސް މުއައްސަސާއަކަށް މައްސަލަ ލާން، އެކަމުގައި އެތަކެއް އަހަރެއް ހޭދަ ކުރަން ދޯ؟" އެ ޕޯސްޓުގައި ވެއެވެ.

މި ޕޯސްޓާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން ވިދާޅުވީ އެ ކާރަށް ލިބުނު ގެއްލުން ރަނގަޅު ކުރުމަށް ވެރިފަރާތަށް ފުލުހުންގެ ފަރާތުން އެހީތެރިވެދޭނެ ކަމަށެވެ. އަދި އެކަން ހިނގާ ދިޔަ ގޮތުގެ ތަހުގީގެއް ހިންގަމުންދާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ފަހަކަށްއައިސް ފުލުހުން އަންނަނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަމުންނެވެ. މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ މާލެ ސަރަހައްދުގައި ދިމޭވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެެވެ.

އެގޮތުން މާލެ ބޭރު މަގު، އަމީނީ މަގު އަދި މަޖީދީ މަގު ފަދަ ބަސް ދަތުރުކުރާ މަގުތައް ބަލަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން ސްކޫލު އޭރިއާ، މިސްކިތްތައް އަދި ސަރުކާރު އޮފީސްތައް ހިމެނޭ ސަރަހައްދުތަަކުގެ އިތުރުން ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.