ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިޒްބުއްލޯގެ ކޮންޓްރޯލް އޮންނަ ސަރަހައްދެއް ކަމަށް ވާ ދާހިޔާގައި އެ ޖަމާއަތުގެ ލީޑަރަކު ހުންނެވި ގެއަކަށް އަމާޒު ކުރި ހަމަލާގައި އޭނާ އަވަހާރަވި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
މިދިޔަ ހަފްތާގެ ހޮނިހުރު ދުވަހު ގޯލާނުގެ އުސްބިންތަކަށް އަމާޒުވި ރޮކެޓް ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން ދިން މިހަމަލާގައި ކޮމާންޑަރު ފުއާދު ޝުކުރު އަވަހާރަ ނުވާކަމަށް މީގެ ކުރިން އެ ޖަމާއަތުން ބުނި ނަމަވެސް މިއަދު ބުނެފައި ވަނީ, އޭނާ އަވަހާރަ ވި ކަމަށާއި ހަށިގަނޑު ފެނުނީ އޭނާ ހުންނެވި އިމާރާތުގެ ގާކުނޑިތަކުގެ ދަށުން ކަމަށެވެ.
މިހަމަލާގައި ޖުމްލަ 4 މީހަކު މަރުވި އިރު 2 ކުޑަކުދިންވެސް ހިމެނޭ ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ.
އިޒްރޭލުން މިހަމަލާ ދިނީ, ބިން ފޭރިގަނެ އިޒްރޭލުން ގަދަކަމުން ވަޒަން ވެރިވެގެން އުޅޭ ގޯލާނުގެ އުސް ބިންތަކުގެ ބައިބޯ ސަރަހައްދަކަށް އަމާޒުވި ރޮކެޓް ހަމަލާއެއްގައި 12 މީހަކު މަރުވެ 19 މީހަކު ޒަހަމްވު ވުމުން, ބަދަލު ހިފާށެވެ. އިޒްރޭލުން ބުނެފައި ވަނީ, އެ ހަމަލާ ދިނުމުގެ ފަހަތުގައި ހުރީ ފުއާދު ކަމަށެވެ.
ނަމަވެސް އެ ހަމަލާއާ އެއްވެސް ގުޅުމެއް ނުވާކަމަށް ހިޒްބުއްލޯ އިން މީގެ ކުރިން ބުނެފައި ވެއެވެ.
ހަބަރުތަކުން ބުނާ ގޮތުން ފުއާދަކީ, ހިޒްބުއްލޯގެ ލީޑަރު ހަސަން ނަސްރުއްالله ގެ މުޝީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މި ހަމަލާގެ ބަދަލު ހިޒްބުއްލޯ އިން ހިފާނެކަން ކަމަށް ގަބޫލު ކުރެވޭތީ އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓުން މިހާރު ވަނީ ސަމާލުވެ ހަމަލާއެއް އަތުވެއްޖެ ނަމަ ބަދަލު ދޭނެ ގޮތް ނިންމުމުހެ ހުރިހާ ބާރެއް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ދީފައެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފުވަމުން ދާ އިޒްރޭލުން ވަނީ, އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނެވި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާވެސް އިއްޔެ އަވަހާރަ ކޮށްލާފައެވެ. މިހަމަލާ ދިން ގޮތެއް އަދި ސާފު ނުވާ އިރު ހަނިއްޔާ އީރާނަށް ވަޑައިގެން ހުންނެވީ އީރާނުގެ އާ ރައީސް ހުވާ ކުރައްވައި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އީރާނުގެ އެތެރޭގައި އެފަދަ ނުރައްކާތެރި ހަމަލާތައް ދިނުމާއި, ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކާ އަމަލުތައް ހިންގުމުގެ ރެކޯޑް އިޒްރޭލުގެ މައްޗަށް އޮތް އިރު މިއީ އެފަދަ ރޭވުމެއްގެ ތެރެއިން ފާރަލައިގެން ދިން ހަމަލާއަކަށް ވުން އެކަށީގެންވާ ކަމަށް މުރާސިލުން ބުނެއެވެ.
އެ ހަމަލާގައި ހަނިއްޔާގެ އިތުރުން އޭނާގެ ބޯޑީގާޑުވެސް މަރުވެފައި ވާ އިރު, ހަމަލާ ދިން ވަގުތަކީ އީރާނުގެ އާ ރައީސް ހުވާ ކުރެއްވި ރަސްމިއްޔާތަށް ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ވަޑައިގެން އުޅުއްވި ވަގުތެއް ވެސް މެއެވެ.