ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާރަކުން ސައިކަލެއްގައި ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމްގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވަނީ މިއަދު މެންދުރެއް ހާއިރުއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލުގައި އިން ފިރިހެން މީހާއަށެވެ. އޭނާއަށް އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާއަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގެ އެމެޖެންސީ ރޫމްގައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ނޫން ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުންގެ ތަހުގީގުތަކުން މިހާތަނަށް އެނގުނުގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލްނުވެގޮސް މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވުމާއެކު ކާރު ދުއްވި މީހާ ފިލާފައިވާއިރު އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އެކްސިޑެންޓުގެ ވީޑިއޯ މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވެފައި ވަނީ ރަތްކުލައިގެ ކާރެކެވެ. ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގައިގައި ޖެހި އެ މީހާ ވިއްސައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ.