ވިނަރެސް ފްލެޓު ކައިރީ ނުރައްކާތެރި އެކްސިޑެެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވަމުން ދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި މަގުމަތީ ދުއްވާފައި ދިޔަ ސައިކަލެއް ވިނަރެސް ކައިރީ މަގުމަތީގައި މަޑުކުރުމަށް ފަހު ސައިކަލް ދުއްވި މީހާއަށް ނުފޭބި އުޅެނިކޮށް ފަހަތުން އައި ކާރު ކޮންޓްރޯލް އިން ނެއްޓި ބާރު ސްޕީޑުގައި ގޮސް ވަނީ ސައިކަލުގައި ޖެހިފައެވެ.
އެއާއެކު ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް މާ ދުރަށް ޖެހުނު މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓް ރިޕޯޓު ކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުންވަން އިން ފިރިހެން މީހާއަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ސައިކަލެއްގެ މަތީގައި އިން މީހާއާއެކު ސައިކަލުގައި ޖެހިގެން ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.