ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި "ގެދޮރުވެރިކަމުގެ ކޮމިޓީ" ގެ ނަމުގައި އާ ކޮމިޓީއެއް އުފައްދައިފިއެވެ.

"ގެދޮރުވެރިކަމުގެ ކޮމިޓީ" އިތުރުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދު 115 ވަނަ މާއްދާ އަށް އަކުރެއް އިތުރުކޮށްގެނެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިން އޮންނަނީ މަޖިލީހުގެ ދާއިރާގެ ތެރޭގައި އޮންނަ ދާއިމީ ތިން ކޮމިޓީއަކާ، ދައުލަތުގެ އިދާރާތަކާ ބެހޭ ދާއިމީ 15 ކޮމިޓީއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ އައު ކޮމެޓީގައި މެންބަރުން ތަމްސީލު ކުރައްވާނެ ގޮތުގެ ރިޕޯޓު މެންބަރުންނާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމާމެދު ވޯޓަށް އެހުން މިއަދުގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުުގައިވާ ގޮތުން ގެދޮރުވެރިކަމުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމެވެ. އަދި ބޯހިޔާވަހިކަމާގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ. މީގެ އިތުރުން ގެދޮރުވެރިކަމާ ގުޅޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމާއެކު ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލުން ހިމެނެއެވެ. އަދި އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާ އެކު އެ މަސައްކަތްތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުންވެސް ހިމެނެއެވެ.