އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނުކެރޭނެ ކަމަށް އެކަމުގައި ބައިވެރިވުމުގެ ތުހުމަތުކުރެވޭ، އަބްދުﷲ ޔާމީން ރޭ ޕީއެންއެފްގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.

ޔާމީން ވިދާޅުވީ އެ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތު މި ސަރުކާރުގެ އިސް ވެރިންނަށް ކުރެވޭ އިރު، ތަހުގީގީ އިދާރާތަކަށް އެ މައްސަލަތަކެއް ނުބެލޭނެ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބޮޑެތި ކަޅު ފައިސާ ނެގި މީހުން އެ ތިބީ ރައީސް އޮފީހުގައި، ވަޒީރުންގެ ގޮތުގައި ކަމަށެވެ. ޔާމީން މިފަދައިން ވިދާޅުވީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު، ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ދުވަސްވަރު އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާ ހޯދައި، ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

މިއީ ކެރެކްޓާއެއް ހުރެގެން އުޅޭ ބައެއް ނޫން، މުއިއްޒަށް ކެރޭނެތޯ އަބްދުއްރަހީމްގެ މި ހުރި މައްސަލަތައް ބަލަން، ނުކުރޭނެ އިނގޭތޯ، ރައީސް މުއިއްޒަކަށް ނުކެރޭނެ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލާކަށް،
ޔާމީން

ޔާމީން ވަނީ ނުފޫޒުން އެއްކިބާވެ މުއައްސަސާތަކަށް މި މައްސަލަ ނުބެލޭނަމަ އަދި މި މައްސަލަ ބެލުމުގެ ހަގީގީ ނިޔަތް ރައީސް މުއިއްޒުގެ އޮތް ނަމަ މިނިވަން ކޮމިޝަނެއް އެކުލަވާލުމަށް ގޮވާލާ މުއިއްޒަށް ޗެލެންޖު ކުރައްވާފައެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އިންނަވަން އަޅުގަނޑުމެންނަށް ރަނގަޅު، ޕްރޮސެކިއުޓަ ޖެނެރަލް ވެސް އިންނަވަންވީ، ދެން އެކަމަކު މީގައި ހިމެނެންވާނީ ވެރިކަންކުރާ ޕީއެންސީ ޕީޕީއެމްގެ ނޫން ބޭފުޅުން، ގިނަ ބަޔަކު ޝާމިލުވާ ކޮމިޝަނަށް،
ޔާމީން

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ޖަލު ހުކުމް އިއްވީ ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އަދީބު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިނިވަން ކުރުމުން ރާއްޖޭން ބޭރަށް ގޮސްފައެވެ. މިކަމާ ގުޅިގެން ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ ބަލަން ފަށައިފި ނަމަ އަދީބު އެނބުރި ރާއްޖެ އަށް ވަޑައިނުގަންނަވާނެ ކަމަށެވެ.