ވިނަރެސް ފްލެޓްގެ ފަހަތުގައި ހުރި އެކޮމޮޑޭޝަން ބްލޮކް އެޗްޑީސީގެ ބެލުމުގެ ދަށުން ސާފުކުރުވައިފިއެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ވިނަރެސް ސަރަހައްދުގައިވާ ވަގުތީ ސައިޓެއްގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ބަލައި، ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން އެކަންތައް މިހާރު ހުއްޓުވާފައިވާ ކަމަށާއި އެތަން މިއަދު ސާފުކޮށްފައިވާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަންއިން ބުނީ ވިނަރެސް ފްލެޓްގެ ފަހަތުގައިވާ އެކޮމޮޑޭޝަން ބްލޮކެއްގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުންދާ ކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތާ ގުޅިގެން އެތަން ބަލައި ފާސް ކުރި ކަމަށެވެ.
އެގޮތުން އެ ތަން ބަލައިފާސް ކުރި ވަގުތު އެ ތަނުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ވިސާއެއް ނެތް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނެއެވެ.
އިމިގްރޭޝަންއިން އިތުރަށް ބުނީ އެ ތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިޖުތިމާއީ މިންގަނޑާ މުޅިން ހިލާފަށް ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނެކެވެ. އަދި އެކަން މިހާރު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް ބުނެއެވެ.