ރާއްޖޭގައި ބިދޭސީން އަތްގަދަ ނުކުރާ ދާއިރާއެއް ނެތް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވިދާޅުވެއްޖެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ޕީއެންސީއަށް ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގައި ބިދޭސީންގެ މައްސަލަ އޮތީ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައި ކަމަށެވެ.
އެގޮތުން ދިވެހިންގެ ތެރޭގައި ބިދޭސީން އަތްގަދަ ނުކުރާ އެއްވެސް ދާއިރާއެއް ނެތް ކަމަށާއި ގޭގައި ކައްކާކާއެތިކޮޅު ފޯރުކޮށްދެނީވެސް ގޭގައި ގެންގުޅޭ ބިދޭސީ މީހާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގޭތެރޭގެ ކަންކަން ބިދޭސީ މީހާއާއި ހަވާލު ކުރުމަށްފަހު އަނބިން ތިބެނީ ކަސޯޓީ ބަލަން ކަމަށާއި މީގެން ވެސް ބިދޭސީން ދިވެހިގެން ތެރެއަށް އަތްގަދަކޮށްފައިވާ މިންވަރު ހާމަވެގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޝަރީފް ވިދާޅުވީ ދިވެހިންނަކީ މަސައްކަތް ދަންނަ ބައެއް ކަމަށެވެ. އެހެންކަމުން ހެޔޮ އަގުގައި ބިދޭސީން ލައްވާ މަސައްކަތްކުރުވާ ކުރުވުން ހުއްޓުވުމަކީ އެ މަސައްކަތް ދަންނަ ދިވެހި މީހާގެ ހައްގު ލިބި އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
އަދި ބިދޭސީން ކޮންމެ މަހަކުވެސް ރާއްޖެއިން އެތައް ބޭރު ފައިސާ އެއް ބޭރު ކުރާކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އެކަމުގެ މަގު ބަންދުކޮށްފިނަމަ ބިދޭސީންގެ މައްސަލަ ހައްލުކުރެވިދާނެ ކަމަށެވެ.
""އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މި ގާނޫނަށް ގެންނަ އިސްލާހުގެ ތެރެއަށް ލާންވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކުރާ މަސައްކަތުން އެ މީހުން ރާއްޖޭގެ ފަސްގަނޑުން ހޯދާ ފައިސާ މިގައުމުން ބޭރުނުކުރެވޭ މަގު. އެ މަގު ބަންދުކޮށްލާއިރަށް އެ މީހުންނަށް އެ މީހުން ބޭނުންވާ އެއްޗެއް ނުލިބޭއިރަށް އަމިއްލައަށް އެދިގެން ވެސް ރާއްޖޭން ފުރައިގެން ދާނެ." ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާއިރު ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.