މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ހުރި ގިނަ އަދަދެއްގެ މުދާ ނީލަމުގެ ވިއްކާލަން ނިންމާފައިވާކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

މިއަދު އެމްޕީއެލް އިން ބުނީ ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް އޮގަސްޓް 14 އަދި 15 ވަނަ ދުވަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އެމްޕީއެލުން ބުނީ މުދާ ނީލަން ކިޔުން ކުރިއަށް ދާނީ އެ ކުންފުނީގައި ކަމަށާ، މުދާ ނީލަން ކިޔާ ގަވާއިދުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން އެމްޕީއެލް އިން ބުނީ ސްކްރެޕް ގެ ގޮތުގައި ނީލަމުން ނަގާ މުދާ ހަމައެކަނި ކްލިއާ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށް ކަމަށާއި އަދި މުދާ ކްލިއާ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެއް ކަމަށެވެ. އެމްޕީއެލް އިން ނީލަން ކިޔުމަށް ނިންމާފައިވާ ތަކެތީގެ ތެރޭގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ސާމާނާ، ލަކުނޑި، ހީޓަރުގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން އަންނައުނުގެ ބާވަތްތައްވެސް ހިމެނެއެވެ.

މާލެ ވިޔަފާރި ބަނދަރުގައި ގިނަ އަދަދެއްގެ މުދާ ނުގެން ގޮސް އަބަދު ވެސް ހުރެ އެވެ. މުދާ ނުގެންގޮސް ހުރުމުގެ ސަބަބުން ވިޔަފާރި ބަނދަރުގެ މަސައްކަތް ތަކަށް ދަތިވެ ނީލަން ކިޔުމުގެ ކުރިން އަބަދުވެސް މުދަލުގެ ވެރިފަރާތް ހޯދާ މުދާ ގެންދިއުމަށް އެމްޕީއެލް އިން އެދެއެވެ.