ވިޔަފާރިވެރިޔާ އީލޮން މަސްކްގެ އެކްސް (ކުރީގެ ޓްވިޓާ)ގެ 'އެކްސް ޕްރިމިއަމް ޕްލަސް ސަބްސްކްރިޕްޝަން' އެއް އަހަރު ދުވަހަށް ނެގުމަށް ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެކްސް ޕްރިމިއަމް ޕްލަސް ސަބްސްކްރިޕްޝަން އަކީ ފައިސާ ދެއްކުމުން ކޮންމެ މީހަކަށްވެސް ލިބިގެންދާ އެއްޗަކަށްވާއިރު، ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އެއް އަހަރު ދުވަހަށް އެކްސް ޕްރިމިއަމް ޕްލަސް ސަބްސްކްރިޕްޝަން ނެގުމަށް ބޭނުންވާ ކަމަށް ބުނެ ކޯޓަޝަން ހުށަހެޅުމަށް އެދިފައެވެ. މި މަހުގެ 31 ވަނަ ދުވަހުގެ ކުރުން ކޯޓޭޝަން ހުށަހެޅުމަށް އެދިފައިވާއިރު ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު ހިމެނުމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުޑައަގެއްގައި، ލިބޭނެ ހިދުމަތެއް ހޯދުމަށް މިނިސްޓްރީން އިއުލާންކޮށްފައިވާއިރު އެކްސް ޕްރީމިއަމް އަކީ އޮޕްޓް-އިން، ޕޭޑް ސަބްސްކްރިޕްޝަނެކެވެ. މިއީ އެކްސްގައި އިތުރު ފީޗާސްތަކެއް ލިބޭ ސަބްސްކްރިޕްޝަނެކެވެ. އެކްސް ޕްރީމިއަމްގައި ތިން ޓިއާއެއް ހުންނައިރު، އެއީ ބޭސިކް، ޕްރީމިއަމް، އަދި ޕްރީމިއަމް ޕްލަސްއެވެ. ކޮންމެ މަތީ ޓިއަރެއްގައި ވެސް އިތުރު ފީޗާސްތަކެއް ލިބެން ހުންނާނެއެވެ.

އެކްސް ޕްރީމިއަމް ޕްލަސް ގައި އިޝްތިހާރު ފްރީ ފީޗާތަކެއް ހިމެނޭއިރު އެންކްރިޕްޓް ކޮށްފައިވާ ޑައިރެކްޓް މެސެޖުތައް ފޮނުވޭނެެއެވެ. މީގެ އިތުރުން ހައިލައިޓް ޓެބާއި، ޕޯސްޓު އެޑިޓްކުރުމާ، ދިގު ވީޑިއޯތަކާ، ލިޔުންތައް އަޕްޑޭޓްކުރެވުމުގެ އިތުރުން އާޓިކަލްތައް ލިޔެވެއެވެ. ރާއްޖޭގައި، އެކްސް ޕްރިމިއަމް ޕްލަސް ވެބްއިން ނަގާނަމަ، މަހަކު 16 ޑޮލަރު ދައްކަން ޖެހޭއިރު އެއް އަހަރު ދުވަހަށް ނަގާނަމަ ދައްކަން ޖެހެނީ 168 ޑޮލަރެވެ.