ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް އާ ކައުންސިލަރުން އިންތިހާބުކުރުމަށާއި އަންހެނުންގެ ކޮމިޓީތަކުން ހުސްވާ މެންބަރުންގެ މަގާމުތަކަށް އާ މެންބަރުން އިންތިހާބުކުރުމަށް އަހަރަކު ދެ ފަހަރު ބައި-އިލެކްޝަން ބާއްވަން ޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.

އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ކައުންސިލަރެއްގެ ނުވަތަ އަންހެނުންގެ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުމުން ބާއްވާ ބައި-އިލެކްޝަނެއްގެ ދެމެދު 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެނެއް ނުވާނެއެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ކައުންސިލަރެއްގެ މަގާމެއް ނުވަތަ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭ ބައި-އިލެކްޝަނެއް ބާއްވަން ޖެހެއެވެ.

މީގެ އިތުރުން ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމެއް ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭ އެ މަގާމުތަކަށް އިންތިހާބުކުރަން ޖެހޭނެ ގޮތް ހެދުމަށާއި، ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާތާ ގިނަވެގެން 30 ދުވަހުގެ ތެރޭ އެ މަގާމުތަކަށް އިންތިހާބުކުރަން ޖެހޭނެ ގޮތް ހެދުމަށް އިސްލާހު ހުށަހަޅާފައިވެއެވެ.

ނަމަވެސް ރައީސް / މޭޔަރާއި ނައިބު ރައީސް / ޑެޕިއުޓީ މޭޔަރުގެ މަގާމު އެއްފަހަރާ ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭ އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ.

ކައުންސިލަރުންގެ މަގާމުތައް ހުސްވެ ބައި-އިލެކްޝަން އެތައް ފަހަރެއްގެ މަތިން ބާއްވަން ޖެހޭތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް އޭރު 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ވަނީ، އެކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓަށް ބާރުބޮޑުވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.