ގޮނޑިތައް ހުސްވެގެން ބާއްވާ ކޮންމެ ބައި އިލެކްޝަނަކަށް ދޮޅުލައްކަ ރުފިޔާ ގާތްގަނޑަކަށް ހަރަދުވާ ކަމަށާއި، މިއަދު ބާއްވާ ބައި އިލެކްޝަންތަކަށް ހަ ލައްކައެއްހާ ރުފިޔާ ހަރަދުވެގެން ހިނގައްޖެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުންނާއި ރަށު ކައުންސިލްތަކަށް ކައުންސިލަރުން އިންތިހާބުކޮށް، އާ ދައުރަކަށް ހުވާކޮށްފައިވާއިރު، އެކި ސަބަބުތަކާ ހެދި ބައެއް މެންބަރުންނާއި ކައުންސިލަރުން އިސްތިއުފާ ދެމުން ދާތީވެ، ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު އެ ރަށްރަށުގައި ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުވާދު ވިދާޅުވީ، އެ ކޮމިޝަންގެ މެންބަރުންގެ ދަތުރުފަތުރާއި، އިންތިހާބުގެ އިންތިޒާމްތަކާއި، އޮފިޝަލުން ހަމަޖެއްސުން ފަދަ ކަންކަން ހިމެނޭހެން ކޮންމެ ބައި އިލެކްޝަނަކަށް ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށާއި، އެކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް ބާރު ބޮޑުވާ ކަމަށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އަދި އެޓާނީ ޖެނެރަލަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބާއްވާ ކޮންމެ ބައި އިލެކްޝަނަކަށް ދޮޅު ލައްކައެއްހާ ރުފިޔާ އެބަ ހަރަދުވޭ. އެހެންވީމަ [ކޮމިޝަންގެ] ބަޖެޓަށް ވެސް ވަރަށް ބޮޑު ތާށިކަމެއް އަންނަ ކަމެއް މިިއީ. އެ ވާހަކަ މަޖިލިހަށް އަދި އެޓާނީ ޖެނެރަލަށް ހުށަހަޅާފަ އޮންނާނެ."
ފުވާދު ތައުފީގް | ރައީސް, އިލެކްޝަންސް ކޮމިޝަން

އާ ދައުރަކަށް މެންބަރުން ހޮވައި، އެ ދައުރަށް އެއް އަހަރު ވެގެން ދިޔައިރު، ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވަނީ އިސްތިއުފާ ދީފައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައިން އިސްތިއުފާ ދީފައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނެވެ.

ފުވާދު ވިދާޅުވީ، ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން އިސްތިއުފާ ދެނީ، އެ ރަށްރަށުގެ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށެވެ.

"މިސާލަކަށް އެބޭފުޅުން ތިއްބަވަން މި ޖެހެނީ ކައުންސިލް އިދާރާގެ ވަކި ރޫމެއްގަ. ކަނޑައެޅިފައިވާ ވަކި ބަޖެޓެއް ނޯވޭ. [ބައެއް] ކައުންސިލްތަކުން ވެސް އެ ބޭފުޅުން ބަލައެއް ނުގަނޭ."
ފުވާދު ތައުފީގް | ރައީސް, އިލެކްޝަންސް ކޮމިޝަން

އިއްޔެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހަތަރު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވައިފައެވެ. އޭގެ ތެރެއިން ށ. ކޮމަންޑޫގެ އަންހެނުންގެ ކޮމިޓީއަށް ދެ މެންބަރުން އިންތިހާބުކޮށްފައިވާއިރު، އެ އަތޮޅުގެ ވޭމަންޑުއާއި، ކ. ތުލުސްދޫގެ އިތުރުން އއ. ތޮއްޑޫ، މިއިން ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް އިންތިހާބުކޮށްފައިވަނީ އެންމެ މެންބަރެކެވެ.