ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިންގެ މުސާރަ އަކީ ޒާތީ މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިމަން ލަތީފުގެ ފަރާތުން ބީއެމްއެލްއަށް ހުށަހަޅާފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާ، ހިންގުމުގެ އިސް މުވައްޒަފުންގެ މުސާރައާއި އިނާޔާތްތަކުގެ ތަފްސީލު ވަކިވަކިން ހޯދުމަށާ އެ ބޭންކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އެގޭނެހެން މުވައްޒަފުންގެ މަގާމުގެ ތަފްސީލު ހޯދުމަށެވެ.

އައިމަން އެދުނު މައުލޫމާތު ބޭންކުން ހިއްސާނުކުރުމުން، އޭނާވަނީ މި މައްސަލަ އިންފޮމޭޝަން ކޮމިޝަންގެ އޮފީހަށް ހުށަހަޅާފައެވެ. އެ މައްސަލަ އައިކޮމްއަށް ހުށަހެޅުމުން އައިކޮމް އިން ނިންމީ ބޭންކުން އެ މައުލޫމާތު އައިކޮމްއަށް ދޭން ޖެހޭނެ ކަމަށެވެ. މި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އިސްތިއުނާފު ކުރަން ބީއެމްއެލްއިން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. އަދި ހައިކޯޓުން ވެސް ވަނީ އައިކޮމްއިން މި މައްސަލައިގައި ނިންމި ނިންމުން ރަނގަޅު ކަމަށް ނިންމާފައެވެ.

ހައި ކޯޓުން މި މައްސަލަ ނިމުނު ގޮތާއި ގުޅިގެން ބީއެމްއެލް އިން މި މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެެވެ. މި ގޮތުން ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ހައިކޯޓުން، ބީއެމްއެލްއަކީ ދައުލަތުގެ އިދާރާއެއް ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރަން ފެންނަ ކަމަށެވެ. އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއްކަމަށް ވާތީއާއި، އެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތަކަށް ވާތީ، އެއީ ދޫކުރަން ޖެހޭ މައުލޫމާތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.