އައްޑޫ ގެ ހުޅަނގު އަވަށްތައް ގުޅުވައިދޭ 19 ކިލޯމީޓަރުގެ ލިންކް ރޯޑަކީ އެ ސިޓީގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް މަގެވެ. ހެނދުނު އިރުއެރީއްސުރެ ރޭގަނޑު ދަންވަންދެން އެ މަގުން ދަތުރުކުރާ މީހުން 'ލައްކަ' ގިނައެވެ. ކޮންމެ ދުވަހަކު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވަޒީފާއާއި، ބޭސްފަރުވާ ހޯދުމަށް، އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދާ މީހުންގެ އިތުރުން ސްކޫލު ކުދިންވެސް ބޭނުން ކުރާ މި މަގުގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ބޮޑެތި އިހުމާލުތަކެވެ. އައްޑޫގެ ގުޅިފައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމަށް މި ނޫން އިތުރު މަގެއް ނެތްއިރު، މި މަގުން ދަތުރުކުރުމަކީ ގަދަ ކަނޑެއްގައ ދަތުރުކުރުން ފަދަކަމަކަށް ވަނީ ވެފައެވެ.

އައްޑޫ ލިންކު ރޯޑަކީ ރައީސް މައުމޫނުގެ ޒައާމަތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދަތުކުރު ކުރުމަށް އެ ޒަމާނަށް ކޮށާމަށާ 'ހަރަދު' ކުޑަކޮށް ހަދާފައިވާ މަގެކެވެ. އެމަގަކީ ފުޅާ މަގެއް ނޫނެވެ. އައްޑޫގެ އާބާދީ އާއި ވެހިކަލްތަކުގެ ނިސްބަތަށް ބަލާއިރު އެއީ މި ޒަމާނަށް އެއްގޮތަކަށް ވެސް 'ފިޓުވާ' މަގެއް ނޫނެވެ. މި މަގަކީ 25މމ ބޯމިނުގައި (ތާރު އާއްމުގޮތެއްގައި އަޅާ އެންމެ ތުނި މިންވަރަކީ 40މމ.) އޭރު ލިބިފައިވާ ބަޖެޓަށް ފިޓްކޮށް ވަރައް އާދައިގެ ގޮތަކަށް ހަދާފައިވާ މަގެކެވެ.

އައްޑޫ ސިޓީ ލިންކް ރޯޑް / ފޮޓޯ: ދަ ޕްރެސް

އައްޑޫ ލިންކު ރޯޑުގެ ހާލަތު

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުގެ މައި މަގުގެ ހާލަތު އިންތިހާއަށް ގޯސްވެފައި ވާއިރު މަގުގެ ބައެއް ތަންތަނުގައި ހެދިފައިވާ އަޑި ގުޑަންތައް ގިނައެވެ. ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް ބޮޑުވެ ދުއްވާ މީހުންނަށް ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. ވާރޭ ވެހި މަގުގައި ފެންބޮޑުވާއިރު ވަޅުގަނޑުތައް ބޮޑުވުމުގެ ސަބަބުން މަގުން ދަތުރުކުރާ ފަރާތްތަކަށް ވަޅުގަނޑުތައް ނުފެނި އެތައް ހިތާމަވެރި ހާދިސާއެއް ދިމާވެފައި ވެއެވެ. މީގެ ކުރިން މި ވަޅުގަނޑުތަކަށް ތާރު އަޅައިގެން 'ޕެޗް' އަޅާފައި ވެއެވެ. އެހެންނަމަވެސް މިއީ ވަގުތީ ހައްލެކެވެ. މިހާރު މިކަންވެސް ވަނީ ހުއްޓާލާފައެވެ. ތާރުގެ ބަދަލުގައި ވަޅުގަނޑުތަކަށް ފަސް އަޅަން ފަށާފައި ވާއިރު ހެވީ ވެހިކަލްތަކާއި ބޮޑެތި ބަސްތައް ދުއްވާ މި މަގުގައި ސައިކަލުން ދަތުރުކުރާ ފަރާތްތަކަށް މިކަމުންވެސް ލިބެނީ އިތުރު ތަކުލީފެކެވެ.

އައްޑޫ ސިޓީ ލިންކް ރޯޑް / ފޮޓޯ: ދަ ޕްރެސް

އައްޑޫގައި ހިންގާ ހުރިހާ ޕްރޮޖެކްޓެއްގެ މުދާ އުފުލަނީ މި މަގުން ކަމަށް ވާއިރު މިވަގުތު އައްޑޫގައި ހިންގާ މަގުހެދުމުގެ ބިޔަ ޕްރޮޖެކްޓް އާއި ބިންހިއްކުމުގެ މަސައްކަތުގެ ހުރިހާ މުދަލެއް 24 ގަޑި އިރު، 20 ޓަނު އަދި 30 ޓަނުގެ ލޮރީތަކުގައި މިހާރުވެސް އުފުލަނީ މި މަގުންނެވެ.

ލިންކު ރޯޑުގެ ބައެއް ހިސާބުތަކަށް ވެލި އަރާފައި ވާއިރު، މަގުގެ ދެ އަރިމަތިން ތާރުގަނޑު އޮންނަނީ އެއްވަރުކޮށްފައެއް ނޫނެވެ. މަގުގައި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ޓްރެފިކް ނިޝާނެއް ނެތްއިރު، މަގުގެ ދެ ފަޅި ވަކިކުރަން ރޮނގެއްހާ ހިސާބުވެސް ކުރަހާފައެއް ނެތެވެ. މަގުގެ ދެ އަރިމަތި ފާހަގަކޮށް އެނގޭނެ ފަދަ އެއްވެސް ނިޝާނެއް ނެތް އިރު މަގުގައި ދުއްވަން ޖެހޭ ބާރުމިން ބުނެދޭ ނިޝާންތައް ވެސް ހުރީ ކުލަވެއްޓިފައެވެ. ލިންކު ރޯޑު އަލިކުރުމަށް މިހާރު އެ ސަރަހައްދުގައި ލައިޓުތައް ދިއްލާފައި ވީ ނަމަވެސް، މަގުގެ ހާލަތު ދަށްވުމުގެ ސަބަބުން ލިބޭ މާ ބޮޑު ލުއިފަސޭހައެއް ނެތެވެ.

އައްޑޫ ސިޓީ ލިންކް ރޯޑް / ފޮޓޯ: ދަ ޕްރެސް

އައްޑޫގެ ފަސް އަވަށް ގުޅުވައިދޭ ލިންކު ރޯޑުގެ ހާލަތު ދެރަވެ މަގު ބޭނުންކުރާ މީހުންގެ ވެހިކަލްތަކަށާއި މީހުންގެ ފުރާނައަށް ނުރައްކާވާ އެތައް ހާދިސާއެއް ހިނގާފައި ވާއިރު މިކަމަށް އެދެވޭ އަވަސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތެވެ.

އައްޑޫ ސިޓީގެ މަގުގެ ހާލަތު ގޯސްވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އައްޑޫ ސިޓީ ކައުންސިލަށް ވެސް އަމާޒުވަމުން އަންނައިރު މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ލިންކް ރޯޑް މަރާމާތު ނުކުރެވޭ ވަރަށް ވީރާނާވެފައިވާ ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިޒްއަށް ވެސް އެ މަގު ހެދުމަށް 'އާދޭސް' ކުރައްވާފައި ވާކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ހިތަދޫ ބޮޑުމަގުގެ ރީސާފޭސިންގް ކޮމްޕޯނަންޓް އުނިކޮށް ލިންކްރޯޑް މަރާމާތު ކުރަންވެސް ކައުންސިލުން، މިނިސްޓަރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިނފްރާސްޓްރަކްޗާ ގައި އެދިފައި ވާނެކަމަށެވެ. އެހެންނަމަވެސް ކޮންޓްރެކްޓާ އާ އެކު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނެވެން ނެތުމާއެކު އެގޮތަށް އެކަން ކުރެވެން ނެތްކަމަށް ކައުންސިލުން މިނިސްޓްރީ އަށް އަންގާފައި ވާކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ލިންކް ރޯޑް / ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މިދިޔަ މަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ލިންކް ރޯޑް މަރާމާތު ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލުކުރުމަށް ނިންމާފައި ވާކަމަށެވެ. އަދި މިއީ މި އަހަރުގެ ބަޖެޓްގައި ހިމެނިފައި ނެތް ކަމެއްކަމުގައި ވިޔަސް މި އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެވޭތޯ ސަރުކާރުން ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ލިންކް ރޯޑްގެ މަރާމާތުތަކެއް ކޮށްފައި ވާއިރު، އަނެއްކާވެސް ލިންކު ރޯޑު މަރާމާތު ކުރުމަކީ ދާއިމީ ހައްލެއް ނޫންކަން ޔަގީނެވެ. އައްޑޫގެ ލިންކު ރޯޑު މަރާމާތު ކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް މިއީ މި ވަގުތުން ވަގުތަށްވެސް ހައްލުކުރަން ޖެހޭ ބޮޑު މައްސަލައެކެވެ. މީގެ ކުރިންވެސް ހިތާމަވެރި އެތައް ހާދިސާއެއް ހިނގާ އެތައް ބައެއްގެ ފުރާނަ ގެއްލިފައި ވާއިރު، މި މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވެން ޖެހޭކަމަށް އައްޑޫ ކޮންމެ ރައްޔިތަކު ގަބޫލު ކުރެއެވެ. މާލެ ސަރަހައްދުގެ މަގުތައް ތަރައްގީ ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުންނާއި އެހެނިހެން އެހީގެ ދަށުން ހަރަދު ކުރަމުން އަންނައިރު މި މަގަށް ވާނެ އެއްޗެއްވާން ދޫކޮށްލުމަށްފަހު 'ވަގުތީ' ހައްލު ހޯދައިދިނުމަކީ އިންސާފެއް ނޫންކަމުގައި އެ ސިޓީގެ ރައްޔިތުން ގަބޫލުކުރެއެވެ.

އައްޑޫ ލިންކް ރޯޑް / ފޮޓޯ: ފާރިސް އިބްރާހީމް، ސޯޝަލް މީޑިއާ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ބޮޑެތި މަގުތަކާއި ހަނި ގޯޅި ތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ނިންމުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު އައްޑޫ އެންމެ ގިނަ ބަޔަކު ބޭނުންކުރާ މަގުގެ ހާލަތު ރަނގަޅުވެގެން ނޫން ގޮތަކަށް އެ ސިޓީގެ ރައްޔިތުންނަށް ލުއިފަސޭހައެއް ނެތެވެ.