ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ސިޓީގައި އެދިފައިވާ ހުރިހާ ކަމެއްގައި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ޒަމީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވާ ރައީސް މުއިއްޒުގެ ރަސްމީ ދެ ސިޓީފުޅެއް ވަނީ އަރުއްވާފައެވެ. މިދިޔަ ހަފްތާގައި ކުރެއްވި މި ދަތުރުފުޅުގައި ޒަމީރުގެ އަރިހުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރެއްވި އެ ދަތުރާ ގުޅޭ ގޮތުން ޓީޥީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވަނީ ޗައިނާގެ ރައީސް ޝީ އަށް އަރުވަން ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގެ ޖަވާބު ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖެ އިން ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ޝީ ދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެގެން އުޅެނީ ވަގުތީ މައްސަލަތަކެއް ކަމަށް ޝީ ވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ރާއްޖެ އިން އެދުނު ހުރިހާ ކަމެއްގެ ޓެކްނިކަލް ބައިތައް މިހާރުން ފެށިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ދެއްވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"ޗައިނާ އިން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި އޭގެ ޓެކްނިކަލް ބައިތައް މިހާރުން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސަށް އެބައޮތް އަންގަވައި ދެއްވާފައި،"
ޒަމީރު

މީގެ އިތުރުންވެސް ކުރީ ސަރުކާރު ތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ނަގާފައިވާ ލޯންތަކަށް ދައްކަން ޖެހޭ ފައިސާ އާއި އަރާފައިވާ އިންޓަރެސްޓް ދެއްކުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފަސް ކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ވަނީ 59 ވަނަ މިނިވަންދުވަހުގެ ޖަލްސާގައި އިއުލާން ކުރައްވާފައެވެ. އަދި މިހާރު ކުރިއަށް ދަނީ މި ކަމުގެ ފަންނީ މަސައްކަތްތައް ކަމަށް ވެސް ރައިސް ފާހަގަ ކުރެއްވިއެވެ.

ބޭރުގެ ދަރަނި ދެއްކުމައްޓަކައި އަބަދުވެސް އެންމެ ގިނައިން ރާއްޖެއަށް އެހީތެރިކަން ފޮރުކޮށްދޭ ދެގައުމަކީ އިންޑިއާ އާއި ޗައިނާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ދެ ގައުމުން މި ގައުމުގެ ދަރަނި ދެއްކުމުގައި އެހީވުމުގެ ގޮތުން ލުއި ގޮތްތައް ހޯދައިދޭ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސޯދީ ސިޔާދަތު ހަރުދަނާ ކުރުމައްތަކައި ކުރަމުންދާ މަސައްކަތުގައި އެ ދެ ގައުމުން ދެމުންދާ އެއްބާރުލުމަށް ދެ ގައުމުގެ ސަރުކާރަށް ވެސް ދިވެހި ރައްޔިތުންގެ ނަމުގައި ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ އިންޑިއާއަށް ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލް އޯވާ ކޮށް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކޯޓާ ވެސް ދެ އަހަރު ދުވަހަށް އިތުކޮށްދީފައި ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.