މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،136،047 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް ދުވާލަކު 5،542 ފަތުރުވެރިންނެވެ. އަދި އެވްރެޖުކޮށް 7 ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހުން ރާއްޖޭގައި ހޭދަ ކުރެއެވެ.

2023 ވަނަ އަހަރުގެ މި މުއްދަތަށް ރާއްޖެ އައިސްފައި ވަނީ 1،031،398 ފަތުރުވެރިންނެވެ. އަދި ޖުމްލަ އެ އަހަރު 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ޗައިނާ އެވެ. ދެވަނައަށް ރަޝިޔާ އަދި ލިސްޓުގެ ތިންވަނައިގައި އޮތީ ޔޫކޭ އެވެ. ޗައިނާއިން ޖުމްލަ 147،241 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު ރަޝިއާ އިން އައިސްފައި ވަނީ 120،366 ފަތުރުވެރިންނެވެ. އަދި ޔޫކޭ އިން 101،402 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 1،215 ފެސިލިޓީއެއް މިހާރު އޮޕަރޭޓްކުރަމުންދާއިރު އޭގެ ތެރޭގައި 182 ރިސޯޓާއި 867 ގެސްޓްހައުސް އާއި 152 ސަފާރީ އުޅަނދު އަދި 14 ހޮޓާ ހިމެނެ އެވެ.