ގިރާވަރާއި އުތުރުތިލަފަޅު ގުޅުވައިދޭ ބުރިޖުގެ މަސައްކަތް 2026 ގައި ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތިލަފުށިން ގިރާވަރަށް އަދި ގިރާވަރުން އުތުރުތިލަފަޅަށް ބްރިޖެއް ނެތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގިރާވަރާއި އުތުރުތިލަފަޅުގެ ބުރިޖު މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ދާދި ފަހުން ޗައިނާއަށް ވަޑައިގަތް ވަޒިރުންގެ ޓީމުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ރައީސްއާ ބައްދަލުކުރައްވައި ގިރާވަރާއި އުތުރުތިލަފަޅު ގުޅާލުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ދަނީ އެ މަޝްރޫއުއަށް ފައިސާ ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމާޒަކީ 2026 ގައި މި ދެ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމެވެ. އަދި 2029 ނިމެންވާއިރަށް އުތުރު ތިލަފަޅާހަމައަށް ބްރިޖް ނިންމާލުމަކީ އަމާޒެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުތުރުތިލަފަޅު ކަނޑައަޅާފައި ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ 2 ވަނަ ފިޔަވަހިން ގޯއްޗާއި ފްލެޓް ދޫކުރުމަށެވެ. އަދި އެ ސަރަހައްދުން ބިން ދިނުމަށް 215 ހެކްޓަރު ހިއްކާނެކަމަށް އޭރުގެ ސަރުކާރުން ވަނީ އިއުލާންވެސް ކޮށްފައެވެ.
މީގެ އިތުރުން އުތުރުތިލަފަޅުގައި ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާއި ހަވާލު ކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެ ތަނަކީ އިންޑިއާ ސިފައިން ގާއިމުގެ ތިބުމަށް ހަދާތަނެއްގެ ގޮތުގައި އޭރުގެ އިދިކޮޅު އަދި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތުކޮށްފައި ވެއެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އުތުރުތިލަފަޅުން ގޯތި ނުދީ، ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ވަނީ ނިންމާފައެވެ.
އެގޮތުން ދަނޑުވެރިކަމުގެ މަޝްރޫއުއަށް އުތުރުތިލަފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެއާއެކު ރާއްޖެއަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތައް އުތުރުތިލަފަޅުގައި ހައްދާ ރާއްޖެއަށް އިގްތިސާދީ ފުދުންތެރިކަން ލިބި އެތަކެތި އެތެރެކުރުމަށް ރާއްޖެއިން ކުރާ ހަރަދު ސަލާމަތް ކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް މި އަހަރުގެ މާޗް މަހު ވަނީ ސޮއިވެސް ކޮށްފައެވެ.