ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމްއައިޑީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެކު އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެ އެމްއޯޔޫއާއި އޭގެ ދަށުން ސޮއިކުރެވޭ އެއްބަސްވުން ވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި އިގްތިސާދު ސިންދަފާތުކުރުމާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުން ކަމަށް ވާއިރު އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.

އެމްއައިޑީއިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެއް ކަމަށާއި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 ޕަސެންޓް އިމްޕޯޓުކުރެވުނު ކަމަށެވެ. އަދި ތާރީހީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަން ކަމަށްވެސް އެމްއައިޑީއިން ބުނެއެވެ.

އެމްއައިޑީއިން ބުނީ ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާއިރު އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިކަމަށް ފާހަގަކޮއްލެވޭ ކުރިއެރުމެއް އައިސްފައެއްނެތް ކަމަށާއި އެވްރެޖްކޮށް ދަނޑުވެރިކަން ހިއްސާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ 2 ޕަސެންޓަށްވުރެވެސް މަދު އަދަދެއް ކަމަށެވެ. އަދި ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އުފެއްދުންތެރިކަމާއި މާކެޓް ނިޒާމުތައް ބަލިކަށިކަމުން ކަމަށްވެސް އެމްއައިޑީއިން ބުނެއެވެ.

ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ތެރެއިން އިގްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް ބުރޫއަރާ، ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެގެން ކަމަށާއި ބައިނަލްއަގްވާމީ ކާރިސާތަކާއި ސަޕްލައިއަށް އަންނަ ހުރަސްތަކާއި ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާބަރޯސާވެފަވާ ރާއްޖެއަށް ހުރި ނުރައްކާތަށް އިތުރަށް ސާފުވެގެން ދިޔަ ކަަމަށްވެސް އެމްއައިޑީއިން ވަނީ ބުނެފައެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށް އެކުލަވާލާފައިވާ އެ އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެއް ކަމަށާއި އެ މަސައްކަތް ފެށިފައިވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. އަދި ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީހީ ގޮތުން ބަލާއިރު ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.