ސްޕަމެޖޯރިޓީއާއެކު ފަސް އަހަރު ލިބުމުން ކޮށްލީ ބަނގުރޫޓް ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓްރު މުހައްމަދު ސައީދު ކުރީގެ އިކޮނޮމިކް މިނިސްޓްރު އަދި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ރައްދުދެއްވައިފިއެވެ.
ސައީދު މިފަދައިން ވިދާޅުވީ އުތުރުތިލަފަޅުގައި މި ސަރުކާރުން ހިންގަން މަސައްކަތް ކުރަމުންދާ ދަނޑުވެރިކަމުގެ މަޝްރޫއު ހުއްޓުވާނެ ކަމަށް ބުނެ ފައްޔާޒު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމްއައިޑީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެކު އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމް ކުރުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.
އޮންލައިން ނޫހެއްގެ ހާއްސަ ޕްރޮގްރާމެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ސޮއިކުރި އެމްއޯޔޫ އެމްޑީޕީގެ ވެރިކަމެއްގައި ބާތިލުކުރާނެކަން އެ ކުންފުންޏަަށް އަންގާނެ ކަމަށެވެ. އަދި އެ އެގްރިމެންޓް ބާތިލުކުރާނީ އުތުރުތިލަފަޅަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭ ތަނަކަށް ހެދުމަށްޓަކައި ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ފައްޔާޒަށް ރައްދުދެއްވައި ސައީދު ވިދާޅުވީ ވެރިކަންކުރަން 5 އަހަރު ސްޕަ މެޖޯރިޓީއާއި އެކު ލިބުނުއިރު އާހިރު ނަތީޖާއަކީ ހަމަ ކުރީ ފަހަރެކޭ ވެސް އެއްފަދައިން ގައުމު ބަނގުރޫޓްކޮށްލުން ކަމަށެވެ. އަދި އެގްރިކަލްޗާ އިކޮނޯމިކް ޒޯން ވެގެން ދާނީ އާދަޔާއި ހިލާފް އަދި އެންމެ މި ޒަމާނުގެ ޓްކްނޮލޮޖީން މުއްސަނދި ފަހުރުވެރި ބިޔަ މަޝްރޫއުއަކަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.