2021 ވަނަ އަހަރު އދ ގައި ތަގްރީރު ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު ހިމެނޭ ރަސީދުތައް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ސެޕްޓެމްބަރު 18، 2021 އިން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށް ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލް ހާމަކުރުމަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހްމަދު އަޒާން މަރްޒޫގެވެ. އެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އޭރު އެންގި އެންގުމަށް ހައިކޯޓުން ތާއީދުކުރި ނަމަވެސް، މާޗް 20، 2022 ގައި އޭރުގެ ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ހުށަހެޅީ މި މަހުގެ ހަތްވަނަ ދުވަހުގައެވެ. ހަމަ އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިދިޔަ ހަފްތާގައި އޮތް އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ އޭރު ނިންމި ނިންމުން ދިފާއުކޮށް، ސޯލިހު ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ރަސީދުތައް ހާމަނުކުރި ނަމަވެސް، އެ ދަތުރުފުޅުގެ ތަފްސީލު މީގެކުރިން ދީފައިވާ ކަމަށް ވެސް ބުނެފައެވެ.

ދައުލަތުން އެގޮތަށް ކޯޓުގައި ވަކާލާތު ކުރުމުން މީސްމީޑިއާގައި އަޒާން ނުރުހުން ފާޅުކުރައްވާފައި ވެއެވެ. އޭގެ ފަހުން އެ ނިންމުން ބަދަލުކޮށް ބަންޑާރަނައިބުގެ އޮފީހުން ނިންމީ މައްސަލަ އަނބުރާ ގެންގޮސް ރަސީދުތައް ހާމަކުރުމަށެވެ.