މާލޭގެ ގެއަކަށް މީހަކު ވައްދާ ބިރުދައްކައިގެން ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި މާލޭގެ ގެއަކަށް މީހަކު ވައްދާ އޭނާ ބަރަހަނާކޮށް ބިރުދައްކައި ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 26 އަހަރާއި 35 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެކަކު 30 ދުވަހަށް އަދި އަނެކަކު 60 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި މީހުންގެ އިތުރު ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ރާއްޖޭގައި ފޭރޭ އެކި މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން އެކި އެކި ސްކޭމް ތަކާއި މީހުން ރަހީނުކޮށްގެން ފޭރޭ މައްސަލަ ތަކަކީ މިހާރު ރާއްޖޭގައި އާންމު ވަމުންދާ މައްސަލަތައްކަން ފާހަގަ ކޮށްލެވެއެވެ.