މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރަން އުޅުމުގެ ތެރެއިން އަނިޔާވި، އުމުރުން 38 އަހަރުގެ މުހައްމަދު އަޒްމީލް ޖަލީލް ގެ މައްސަލަ އެންޓި-ޓޯޗާ ގާނޫން 2013 ގެ ދަށުން ތަހުގީގުކުރަމުން އަންނަކަމަށް އެޗްއާރްސީއެމް އިން ބުނެފިއެވެ.
އެޗްއާރްސީއެމް އިން ބުނީ ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން އަޒްމީލް ހައްޔަރުކުރުމަށް ފުލުހުން އެ ގެއަށްގޮސް ތިއްބާ، އެ ގޭގެ ކުޑަދޮރަކުން ނިކުމެ ފިލަން އުޅުމުގެ ތެރޭގައި އޭނާ މަގުމައްޗަށް ވެއްޓި އަނިޔާވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.
މީގެ އިތުރުން އެޗްއާރްސީއެމް އިން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މައުލޫމާތު ހޯދައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންވެސް މައުލޫމާތު ހޯދުމަށް އެދިފައިވާނެއެވެ. އަދި ހާދިސާ ހިނގި ތަނަށް ޒިޔާރަތްކޮށް ސީސީޓީވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ޙިއްސާކުރުމަށްވެސް ފުލުހުންގެ އިދާރާގައި އެދިފައިވާނެކަމަށެވެ. މީގެއިތުރުންވެސް، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ އިތުރު މައުލޫމާތު ކޮމިޝަނުން ހޯދަމުން އަންނަކަމަށް ވަނި ބުނެފައެވެ.
އިތުރަށް އެޗްއާރްސީއެމް އިން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި، މި ހާދިސާ ހިނގުމުން އާއިލާއިންވެސް އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުން ލަސްވުން އެއީ ކޮމިޝަނުން ކަންބޮޑުވާކަމެއްކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ވަނީ ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ހަލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ފުލުހުންނަށް ލަފާދީފައިވާނެކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އަންނައިރު އަދި ތަހުގީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެވޭނެކަމަށެވެ.